މަސްވެރިންނަށް މިހާރު 23 އައިސްޕްލާންޓުގެ ޚިދުމަތް ލިބޭނެ: މިފްކޯ

މަސްވެރިންނަށް މިހާރު 23 އައިސްޕްލާންޓުގެ ޚިދުމަތް ލިބޭނެ: މިފްކޯ

Author
ޙަސަން މުޙައްމަދު
02 ނޮވެމްބަރ 2025 11:42
0

ދިވެހި ރާއްޖޭގެ އުތުރުން ދެކުނަށް މަސްވެރިންނަށް މިހާރު 23 އައިސްޕްލާންޓަކުން ޚިދުމަތް ލިބޭނެކަމަށް މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) ފަރުހަތު ޝަހީރު ހާމަކުރައްވައިފިއެވެ. ދ. މީދޫގައި 30 ޓަނުގެ އައިސްޕްލާންޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަރުހަތު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅު ފުއްދުމުގެ ގޮތުން މަސްވެރިންނަށް އައިސް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާކަމަށެވެ.

ފަރުހަތު ފާހަގަކުރެއްވި ގޮތުގައި ފާއިތުވި ތިން މަހުގެ ތެރޭގައި އޮޕަރޭޝަނަށް ހުރީ މަދުވެގެން 13 އައިސްޕްލާންޓެވެ. ނަމަވެސް ސަރުކާރުން ކުރެއްވި މަސައްކަތުން މިހާރު ބޭނުންނުކޮށް ހުރި އައިސްޕްލާންޓުތައް އޮޕްރޭޝަނަށް ގެނެވި، އަލަށް ޤާއިމްކުރި އައިސްޕްލާންޓުތަކާއެކު ޖުމްލަ 23 އައިސްޕްލާންޓަކުން މަސްވެރިންނަށް ޚިދުމަތް ދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. މިފްކޯގެ ސީއީއޯ ވިދާޅުވީ އައިސްޕްލާންޓު ޤާއިމްކުރުމުގެ އިތުރުން އެތަންތަނުގެ އޮޕަރޭޝަނަލް ހާލަތު ބަލަހައްޓައި އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަކީ މިފްކޯގެ ޒިންމާއެއްކަމަށެވެ. އައިސްޕްލާންޓުގެ ޚިދުމަތަކީ މަސްވެރިންނަށާއި މަސް ގަންނަ ފަރާތްތަކަށް މަހުގެ ތާޒާކަން ހިފެހެއްޓުމަށް ވަރަށް މުހިންމު ޚިދުމަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.