މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓޭނަރެއްގެ ބިއްލޫރި ޕެލެޓެއް ތެރޭގައި ނުރައްކާތެރި ޙާދިސާއެއް ހިނގައި، އަނިޔާވި ދެމީހުންގެ ހާލުވެސް "ސްޓޭބަލް" ކަމަށް އެމްޕީއެލްއިން ބުނެފިއެވެ.
މިހާދިސާއާއި ގުޅިގެން އެމްޕީއެލްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ޙާދިސާ ހިނގަން މެދުވެރިވީ ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކްލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައި ކަމަށެވެ. މި ޙާދިސާގައި، ބިއްލޫރި ޕެލެޓް އަރިއަޅާލި ވަގުތު، އެ ޕެލެޓް ނެރުމަށް ހަރަކާތްތެރިވަމުންދިޔަ މަޖޫރިއެއް ވަނީ ޕެލެޓްގެ އަރިމަތީގައި ތާށިވެފައިކަމަށެވެ. އަދި ދެވަނަ މަޖޫރިއަކަށް ވެސް މި ޙާދިސާގައި އަނިޔާވެ، އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނު ކަމުގައެވެ.
ބިއްލޫރި ޕެލެޓާއެކު ތާށިވި މަޖޫރީ ސަލާމަތްކޮށް، އިތުރު ފަރުވާ އަށް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެންމެ ފަހުން ލިބިފައިވާ މަޢުލޫމާތުތަކުން އެނގިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވި ދެ މީހުންގެ ހާލު ވެސް "ސްޓޭބަލް" ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ. އަދި ފުރާނަ އަށް ނުރައްކާވާ ފަދަ ބޮޑު އަނިޔާއެއް މި ދެ މީހުންނަށްވެސް ލިބިފައެއް ނުވާކަމަށް އެމްޕީއެލްއިން ބުނެއެވެ.
މި ޙާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އަދި މި ހާދިސާ ތަހުގީގްކޮށް، މި ފަދަ ކަމެއް ތަކުރާރުވެނުދިއުމަށް، ކުންފުނިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. މާލޭ ވިޔަފާރި ބަނދަރަކީ ނުރައްކާތެރި މަސައްކަތްތަކެއް ކުރާ ތަނަކަށްވާތީ، ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުންފުނިން ބޮޑު އަހައްމިއްޔަތެއް ދެމުން ދާކަމަށާއި، މަދުން ނަމަވެސް، މި ފަދަ ހާދިސާތައް މާލޭ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހިނގުމަކީ ކުންފުނިން ހިތާމަކުރާ ކަމެއްކަމުގައި އެމްޕީއެލްއިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ