އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގައި އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި 154،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
ބައްސާމް އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރިއިރު 2018 ވަނަ އަހަރު ފީފާއިން ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ޑޮލަރު މާރުކުރުމުގެ ނަމުގައި އޭނާގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ކުށް މީގެ ކުރިން ސާބިތުވެފައިވެ އެވެ. އެ ދައުވާގައި މި މަހުގެ 8 ވަނަ ދުވަހު ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ކުރެއްވި ހުކުމްގައި ވަނީ ބައްސާމް އެ ފައިސާ ލޯންޑާކޮށްފައިވާ ކަން ސާބިތުވާ ކަމަށެވެ. އެ ފައިސާ ބައްސާމް ބޭނުންކޮށްފައިވަނީ އޭނާގެ ރެހެންދި ފްލެޓަށް ކުލި ދެއްކުމާއި އަމިއްލަ ހަރަދުތަކަށާއި އެހެން މީހުންނަށް ހަރަދުކުރަން ކަމަށް ދައުލަތުން ސާބިތުކޮށްދީފައިވެ އެވެ.
މަނީ ލޯންޑަރިންގެ ކުށުގައި ސާބިތުކުރަން ޖެހޭ ރުކުންތައް ހުރިހާ ކަމެއް ސާބިތުވެފައިވާތީ ބައްސާމް ކުށްވެރިވެއްޖެ ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ. ދައުލަތުން 15 އަހަރު ޖަލަށް ލުމަށާއި 50،000 ޑޮލަރުގެ ޖޫރިމަނާ އެދުނު ނަމަވެސް، ގާޒީ އިއްވެވީ ފަސް އަހަރުގެ ޖަލު ހުކުމާއި 154،000 ރުފިޔާގެ ޖޫރިމަނާ އެވެ. ޖޫރިމަނާގެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވެސް އަމުރުކުރި އެވެ. އެފްއޭއެމްގެ އިތުރު ފައިސާތަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ ބައްސާމްގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ކުރެ އެވެ.
ކޮމެންޓު ފޮނުވާ