2026 ވަނަ އަހަރު ދިވެހި ދައުލަތަށް ޖުމުލަ 40.4 ބިލިއަން ރުފިޔާގެ އާމްދަނީއާއި ހިލޭ އެހީ ލިބޭނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކުރާ 64.2 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، މިއީ މިއަހަރަށް ލަފާކުރާ 37.9 ބިލިއަން ރުފިޔާއަށް ވުރެ 6.6 ޕަސެންޓް އިތުރު އަދަދެއްކަމަށާއި، ރާއްޖޭގެ އިގްތިސާދު ވަރުގަދަ ބިންގަލެއްގެ މަތީގައި ބިނާވެފައިވާކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، 2025 ވަނަ އަހަރު އާމްދަނީ އިތުރުކުރުމަށް ތަންފީޒުކުރި ސިޔާސަތުތަކުގެ ފުރިހަމަ ނަތީޖާ އަންނަ އަހަރު ފެންނާނެއެވެ. އާމްދަނީ އިތުރުކުރުމުގެ ނަމުގައި އިގްތިސާދަށް ބުރަ ނާޅުއްވަން އާ ޓެކުހާއި ފީގެ ބަދަލުތައް މި ބަޖެޓާއެކު ހުށަހަޅުއްވާފައި ނުވާނެއެވެ. ނަމަވެސް ޓެކުހުގެ ޤާނޫނުތައް ތަންފީޒުކުރާ އިދާރާތަކަށް ފުރިހަމަ ބާރުތައް ދިނުމާއި، ޤާނޫނީ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުން ދައުލަތަށް ލިބެންޖެހި ނުލިބޭ ފައިސާ ހޯދުން ފަސޭހަވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަންނަ އަހަރު ޓެކުހުން 31.3 ބިލިއަން ރުފިޔާ، ޓެކުހު ނޫން އާމްދަނީއިން 8.7 ބިލިއަން ރުފިޔާއާއި، ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވެއެވެ.
ކޮމެންޓު ފޮނުވާ