ޝިޔާމްގެ ސުވާލެއް އަދީބާއި، ރައީސަށް: މިސަރުކާރު ގެންނަން އެމްއެމްޕީއާރުސީގެ ފައިސާ ޚަރަދު ނުކުރޭތޯ؟

ޝިޔާމްގެ ސުވާލެއް އަދީބާއި، ރައީސަށް: މިސަރުކާރު ގެންނަން އެމްއެމްޕީއާރުސީގެ ފައިސާ ޚަރަދު ނުކުރޭތޯ؟

Author
މުޙައްމަދު ޝަޒައިމް
07 ޖެނުއަރީ 2021 10:59
0

އެމްއެމްޕީއާރުސީގެ ފައިސާގެ ވާހަކަ މިސަރުކާރުން ދައްކައި ބޯ ދަމައިގަންނަން އުޅޭއިރު، މިސަރުކާރު ވެރިކަމަށް ގެނައުމަށް އެމްއެމްޕީއާރުސީގެ ފައިސާ ޚަރަދު ނުކުރައްވަންތޯ ރައީސް ޞާލިހުއާއި، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި، ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ސުވާލު ކުރައްވައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުން ރަށު ބަންދުގައިތިބެ ހދ. ކުޅުދުއްފުށީގައި ބާއްވާ ޖަލްސާގަައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަގާއި މިސަރުކާރަށް ހަމައެކަނި ފެނިވަޑައިގަންނަވާ ބޭފުޅަކީ ރައީސް ޔާމީންކަމަށެވެ. މި ޚިޔާނާތުގައި އެންމެ ބޮޑަށް ބައިވެރިވި މީހުން މިއަދު ފިނި ކޮޓަރީގައި ތިއްބެވިއިރު، މިމައްސަލާގައި ޝާމިލުވާ 300 އެތައް މީހެއްގެ ވާހަކަވެސް މިސަރުކާރުން ނުދައްކާމަކީ މިމައްސަލައިގައި މިސަރުކާރުން ގެންގުޅޭ އިންސާފެއްނެތް ހަމަ، ވަރަށް ރަނގަޅަށް ހާމަވާ ކަމެއްކަމަށެވެ.

ޝިޔާމް ވިދާޅުވީ މިސަރުކާރު ވެރިކަމަށް ގެނައުމުގައިވެސް އެމްއެމްޕީއާރުސީގެ ފައިސާ ބޭނުން ކުރެއްވި ކަމީ ކުރެވޭ ތުހުމަތެއްކަމަށެވެ. މިސުވާލަކީ މިއަދު ރައީސް ޞާލިހުއާއި އަހުމަދު އަދީބު ޖަވާބު ދެއްވުން ރަނގަޅު ސުވާލެއްކަމަށް ވިދާޅުގެ ޝިޔާމް ވަނީ މިދެބޭފުޅުން މިސުވާލުގެ ޖަވާބު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ޞާލިހުގެ ސަރުކާރުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އެންމެ ބޮޑު މޭސްތިރިޔާ އަހުމަދު އަދީބު ހުންނެވީ އޭސީ ކޮޓަރީގައި، ދިވެހިރައްޔިތުން މިއަދު ސުވާލު ކުރައްވަންޖެހޭ. އަދި ސާފުކުރަން ބޭނުންވޭ މިސަރުކާރު ގެންނަން އަދީބު އެމްއެމްޕީއާރުސީގެ ފައިސާ ޚަރަދު ނުކުރަންތޯ؟ ފައިސާ ނުދެއްވަންތޯ؟ މިސުވާލުގެ ޖަވާބު ރައީސް ޞާލިހުއާއި އަދީބު ދެއްވުން ރަނގަޅު.

– ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީންނަށް މިމައްސަލާގައި މަތި މައްޗަށް ބަރި ބަރިއަށް ޝަރީއަތް ހިންގަމުންދާއިރު، އެމަނިކުފާނަށް ނުހައްގުން ހުކުމްކުރި ޝަރީއަތާއިމެދުވެސް ގިނަ ރައްޔިތުން ސުވާލު ކުރާކަމަށެވެ. އަދި އެމަނިކުފާނުގެ މައްސަ ބައްލަވަމުން ގެންދަވަނިކޮށް އެކަހެރި ކުރެއްވި އޭރުގެ ގާޒީ ހައިލަމް މެރުއްވި ބަޔާން މިއަދާއި ހަމަޔަށްވެސް ދައުލަތުގެ ތަހުގީގީ އެއްވެސް އިދާރާއަކުން ނުބަލާކަމީ ކަންބޮޑުވާ ކަމެއްކަމަށެވެ.

ޝިޔާމް ވަނީ މިއަދު ރައީސް ޔާމީންގެ އިސްތިޤުބާލަށް ދިޔަ މީހުންގެ ތެރެއިން ހައްޔަރުކުރި މީހުން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާފައެވެ. އޭގެ ތެރޭގައި 3 އަންހެން ބޭފުޅުންވެސް ހިމެނޭއިރު، މިރޭ އެމީހުން ދޫނިދުއަށް ގެންގޮސް ބިރު ދެއްކުމަށް ކުރާ މަސައްކަތަކީ ވަރަށް ތާހުޒީބު އަނިޔާވެރި އަމަލެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މިއީ ރައީސް ޔާމީންގެ ސަޕޯޓަރުންނަށް ބިރު ދެއްކުމަށް މިސަރުކާރުން ހިންގާ ވަރަށް ދަށު ދަރަޖައިގެ ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.