ރައީސް ޞާލިހުގެ އިންސާފުގެ ގަލަމުގައި ހިނގާ ދެއްޔެއް ނެތް: ސައީދު

ރައީސް ޞާލިހުގެ އިންސާފުގެ ގަލަމުގައި ހިނގާ ދެއްޔެއް ނެތް: ސައީދު

Author
މުޙައްމަދު ޝަޒައިމް
07 ޖެނުއަރީ 2021 09:53
0

މިއަދު ރާއްޖޭގައި ވެރިކަން ކުރަމުންދާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަތްޕުޅުގައި އޮތް އިންސާފުގެ ގަލަމުގައި ހިނގާ ދެއްޔެއް ނެތްކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުން ރަށު ބަންދުގައިތިބެ ހދ. ކުޅުދުއްފުށީގައި ބާއްވާ ޖަލްސާގަައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޞާލިހުގެ އަނިޔާވެރިކަން މިއަދު މާލޭ މަގުތަކުން ފެނިފައިވާކަމަށެވެ. ރައީސް ޔާމީނަށް ނުހައްގުން ދެމުންދާ އަނިޔާގައި އެމަނިކުފާނު ސަޕޯޓަރުން ހަމަހިމޭނެކަމާއިއެކު އެމަނިކުފާނު ދެކިލަން ދިއުމުން އެތައް ފުލުހުންނެއް ފޮނުވައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އެތައް ބަޔަކަށް އަނިޔާ ކުރިކަމީ ރައީސް ޞާލިހުގެ ހެޔޮވެރިކަން އޮތް މިންވަރު ހާމަވާ ކަމެއްކަމަށެވެ.

އިންސާފާއި، ހަމަހަމަކަން ގެނެސްދެއްވާނެކަމަށް ވައުދުވެ ވެރިކަމަށް އައުމަށްފަހު މިއަދު ވެރިކަަން ކުރައްވާ ބޭފުޅުންގެ ކިބާގައި އަދުލު އިންސާފުގެ އެއްވެސް ހަމައެއް ނެތްއިރު، ވެރިކަމުގައި ހުންނެވި ބޭފުޅާގެ ކިބައިންވެސް އަދުލު އިންސާފުގެ ކަންފުޅެއްވެސް ނެތްކަން މިއަދު ހާމަވެގެން ގޮސްފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އިންސާފުގެ ގަލަމުގައި ހިނގާ ދެއްޔެއް ނެތް. މި އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ފެންނަނީ މިމަންޒަރު. މުޅި ދައުލަތުގެ އަބުރު އެފުށް މިފުށަށް ޖައްސަވައިފި. ކޯލިޝަންގެ 5 މެމްބަރުން ތިއްބެވި ޓަގުބޯޓެއްގައި.

– ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ކިތަންމެ އަނިޔާއެއް ކުރިޔަސް ރައީސް ޔާމީނަށް ކުރާ ތާއީދު މިފަސްގަނޑު ފޮހެ ނުލެވޭނެ ކަމަށެވެ. އެމަނިކުފާނު މިޤައުމަށް ކޮށްދެއްވާފައިވާ އަގު ނުކުރެވޭ ޚިދުމަތްތަކަކީ މިފަސްގަނޑުގެ އެތައް ރައްޔިތަކު ހެޔޮ ހިތުން ގަބޫލުކުރާ ޚިދުމަތަކަށްވާއިރު، އަނިޔާކޮށްގެން އެކަން ފޮހެލެވޭނެކަމަށް ހީކުރުމަކީ މޮޔަކަމެއްކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ނިންމާލާނީ ރައިސް ޔާމީން މިޤައުމުގެ ވެރިކަމަށް ގެނެސްފައި ކަމަށާއި، އެކަން މިސަރުކާރުގެ އަމަލުތައް މިއަދު ހުރި ގޮތުން ވަރަށް ރަނގަޅަށް ސާފުވާކަމަށެވެ. އަދި އެމަނިކުފާނު މިޤައުމުގެ ވެރިކަމަށް އަންނާނެކަން ޔަގީންވާތީ ކުރެވެން އޮތް ހުރިހާ ކަމެއްކޮށްގެންވެސް އެމަނިކުފާނު ރައްޔިތުންނަށް ނުފެންނަ ގޮތް ހެދުމަކީ މިސަރުކާރުގެ އަމާޒުކަމަށެވެ. ނަމަވެސް ތާއަބަދަށް ރައީސް ޔާމީނަށް އަނިޔާ ދިނުމަކީ މިސަރުކާރަށް ކުރެވޭނެ ކަމެއް ނޫންކަމަށް ސައީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.