ކުއްޖަކަށް ޖިންސީ ގޯނާކުރި ދައުވާ ސާބިތުނުވިކަމަށް ދަށުކޯޓުތަކުން ކުރި ހުކުމެއް ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ކުއްޖަކަށް ޖިންސީ ގޯނާކުރި ދައުވާ ސާބިތުނުވިކަމަށް ދަށުކޯޓުތަކުން ކުރި ހުކުމެއް ސުޕްރީމް ކޯޓުން ބާތިލްކޮށްފި

Author
ހުސެއިން
26 އޮކްޓޯބަރ 2025 11:05
0

2013 ވަނަ އަހަރު ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ދައުވާ ސާބިތުނުވާކަމަށް މެޖިސްޓްރޭޓް ކޯޓުންނާއި ހައިކޯޓުން ކުރި ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

އިލްހާމް ޢަބްދުއްރަޙްމާން ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ދައުލަތުން އުފުލީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގުމުގެ ދައުވާއާއި ޖިންސީ ޢަމަލެއް ހިންގާ މަންޒަރު އެ ކުއްޖާއަށް ދެއްކުމުގެ ދައުވާއެވެ. އަނިޔާ ލިބުނު ކުއްޖާއަކީ އިލްހާމްގެ އަނބިމީހާއަށް ބޮޑުދައިތަ ކިޔާ ކުއްޖެކެވެ.

މެޖިސްޓްރޭޓް ކޯޓާއި ހައިކޯޓުން މި ދެ ދައުވާ ސާބިތުނުވާކަމަށް ކަނޑައެޅީ ކުއްޖާގެ އިންޓަވިއު ރެކޯޑުކުރި ސީޑީ ކޮރަޕްޓްވެފައި ވުމާއި ކުއްޖާގެ ބަޔާން ކޯޓަށް ހުށަހަޅާފައި ނެތުމާއި ކުއްޖާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ނެތުމުގެ ސަބަބުންނެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނީ ކޮންމެ މައްސަލައެއްގައި ބަޔާނެއް ނެތުން އަދި ރެކޯޑިންގ ކޮރަޕްޓްވުމަކީ ވެދާނެ ކަމެއް ކަމަށެވެ. މި ހާލަތުގައި ވެސް ކުއްޖާގެ ފަރާތުން އުފުލުނު ޝަކުވާ ވުޖޫދުގައި ދެމި އޮންނަކަމަށާއި އެ ޝަކުވާ ފުލުހުންގެ ތަޙްޤީޤު ބަޔާނުންނާއި ސައިކޮލޮޖިސްޓުގެ ރިޕޯޓުން ވަރަށް ސާފުކަމަށެވެ. ކުއްޖާގެ ވާހަކަތައް 2013 ވަނަ އަހަރުގެ ޖޫން މަހު ޖެންޑަރ މިނިސްޓްރީއާއި ފުލުހުންގެ ހާޒިރުގައި ކިޔައިދީފައިވާކަން ފާހަގަކޮށް އެ ވާހަކަތަކުގެ ތަފްސީލުތައް ސައިކޮލޮޖިސްޓުގެ ރިޕޯޓުން އެންމެ ސާފުކޮށް އެނގޭކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.

މި މައްސަލައިގައި ކުއްޖާގެ ބަޔާނެއް ނެތްކަމަށް ބަލައިގެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނާ ލުއި މިންގަނޑަށް ހެކި ވަޒަންކުރަން ތިރިކުރެވޭނެ ހަމައެއް ނެތްކަމަށް ހައިކޯޓުން ކަނޑައެޅި އޮތުން ރަނގަޅު ނޫންކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ.

އެހެންކަމުން މި ދެ ދައުވާ ސާބިތުނުވާކަމަށް ނިންމާފައިވަނީ އިސްތިޤްރާރުވެފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް އެ ދެ ދައުވާއަށް އަވަސް މިނެއްގައި ގޮތެއް ކަނޑައެޅުމަށްޓަކައި މި މައްސަލަ މެޖިސްޓްރޭޓް ކޯޓަށް ތަޙްވީލުކުރުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. މިމައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު އިބްރާހިމްގެ ރިޔާސަތުގައި ފަނޑިޔާރު އައިޝަތު ސުޖޫން އަދި ފަނޑިޔާރު ހުސެއިން ޝަހީދު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.