އައްޑު އަތޮޅުގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމާ ގުޅޭ ގޮތުން މިއަދު ކުރިއަށްދާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވުން ވަރަށް ދަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
ހުޅުދޫ، މީދޫ އަދި ފޭދޫގައި ވަކި ރަށު ކައުންސިލެއް ހެދުމާ މެދު ނިންމުމަށް ނަގާ މި ވޯޓުގައި، މިއަދު ހެނދުނު 8 ޖެހިއިރު ފެށިގެން މެންދުރު 12 ޖެހުމާ ހަމައަށް ވޯޓު ލީ ވަނީ 1،661 މީހުންނެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 9،576 މީހުންގެ ތެރެއިން ހަމައެކަނި 17 ޕަސެންޓެވެ. މީގެ ތެރެއިން 872 ފިރިހެނުންނާއި 789 އަންހެނުން ވޯޓު ލައްވައިފިއެވެ.
އީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 7،915 މީހުން މިހާތަނަށް ވޯޓު ނުލައި ތިއްބައެވެ. މި ވޯޓުގައި މާލޭގައި ބަހައްޓާފައިވާ 7 ފޮއްޓަށް 3،881 މީހުންނަށް ވޯޓުލުމުގެ ފުރުސަތު އޮންނައިރު، ފޭދޫގެ 5 ފޮއްޓަށް 2،835 މީހުން، މީދޫގެ 3 ފޮއްޓަށް 1،618 މީހުން އަދި ހުޅުދޫގެ 3 ފޮއްޓަށް 1،242 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4 ޖެހުމާ ހަމައަށެވެ.
ކޮމެންޓު ފޮނުވާ