ސިވިލް އޭވިއޭޝަން އޮޓޯރިޓީން އައު ގަވާއިދެއް ގެޒެޓްކޮށް، ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށް މުހިންމު ބަދަލެއް ގެނެސްފިއެވެ.
މި އިސްލާޙުގެ ދަށުން، ޖެނެރަލް ސޭލްސް އެޖެންޓުން، ޕެސެންޖާ ސޭލްސް އެޖެންޓުން އަދި ކާގޯ ސޭލްސް އެޖެންޓުގެ ގޮތުގައި އޮޕަރޭޓް ކުރުމުގެ ހުއްދަ ދެވޭނީ 100 އިންސައްތަ ދިވެހި މިލްކުވެރިކަން ހުރި ކުންފުނިތަކަށް ކަމަށް ކަނޑައަޅައިފައިވެއެވެ. ކުރިން އަމަލުކުރި ގަވާއިދުގައި 49 އިންސައްތަ އާ ހަމައަށް ބޭރުގެ ހިއްސާއެއް އޮންނަ ކުންފުނިތަކަށްވެސް މި ވިޔަފާރިތައް ކުރެވުނެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ މިއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ލަފާފުޅާއެކު ގެނައި ބަދަލަކަށްވާއިރު، ދިވެހި ވިޔަފާރިވެރިން ގިނަ ދުވަސްތަކެއް ވަންދެން އެދެމުންދިޔަ އެދުމެއް ކަމަށެވެ. މިނިސްޓްރީން ބުނީ މި ބަދަލުގެ މަޤްސަދަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ލިބޭ މާލީ ފައިދާތައް ދިވެހި އިޤްތިޞާދުގެ ތެރޭގައި ހިފެހެއްޓުމާއި، ލޯކަލް ވިޔަފާރިވެރިންނަށް ފުޅާ ފުރުޞަތުތަކެއް ހުޅުވައިދިނުން ކަމަށެވެ. މިއީ ގައުމީ އުފެއްދުންތެރިކަން މަތިކޮށް، ދިވެހި ކުންފުނިތަކުގެ ގާބިލްކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
ކޮމެންޓު ފޮނުވާ