ސަރުވަޝް ޕެންޝަން ބޯޑުން އިސްތިއުފާ ދެއްވައިފި

ސަރުވަޝް ޕެންޝަން ބޯޑުން އިސްތިއުފާ ދެއްވައިފި

Author
ހުސައިން
22 އޮކްޓޯބަރ 2025 01:26
0

އަހުމަދު ސަރުވަޝް އާދަމް މިއަދު ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވައިފި އެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސަރުވަޝް ވިދާޅުވީ އިސްތިއުފާ ދެއްވީ އެމްއެމްއޭގެ ފައިނޭންސް ބޮންޑައިގެން ކުރިއަށްދާން ނިންމުމުން ކަމަށެވެ.

މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދީ، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެން ފައިސާ ޗާޕުކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވްގެ މަގާމު ވެސް ފުރުއްވާފައިވާ ސަރުވަޝް ވިދާޅުވީ މިއީ ގާނޫނީ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އިދިކޮޅު އެމްޑީޕީން ދަނީ ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅޭ ކަމަށް ތުހުމަތުކުރަމުންނެވެ. އެ ޕާޓީން ބުނެފައިވާ ގޮތުގައި ސަރުކާރު ކުންފުނިތަކާއި ބޭންކްތަކުން އިތުރަށް ނަގާނެ ފައިސާ ނެތުމުން، 2.5 ބިލިއަން ރުފިޔާ ޗާޕުކޮށްފައި ޕެންޝަން ފަންޑު މެދުވެރިކޮށް ސަރުކާރަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ޕެންޝަން ފަންޑުގައި ހުންނަ ފައިސާ، އެ ފަންޑުގެ އިންވެސްޓްމަންޓް އުސޫލުތަކާ ހިލާފަށް ސަރުކާރަށް ނެގުމަށް އެމްއެމްއޭ އިސްވެ ކުރަމުންދާ ނުރައްކާތެރި މަސައްކަތެއް ކަމަށް އެމްޑީޕީން ތުހުމަތުކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.