ނުދެއްކި ހުރި ބިލްތައް ދެއްކުމަށް ޕެންޝަން އޮފީހުން ބޮންޑެއް ވިއްކަން ނިންމައިފި

ނުދެއްކި ހުރި ބިލްތައް ދެއްކުމަށް ޕެންޝަން އޮފީހުން ބޮންޑެއް ވިއްކަން ނިންމައިފި

Author
ހުސައިން
20 އޮކްޓޯބަރ 2025 07:40
0

ސަރުކާރުން އާއްމު ކުންފުނިތަކަށް ދައްކަން ޖެހޭ އެތައް ބިލިއަން ރުފިޔާގެ ބިލްތައް ދެއްކުމަށް ޕެންޝަން އޮފީހާ ގުޅިގެން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކަން ފިނޭންސް މިނިސްޓްރީން ތައްޔާރުވެއްޖެ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2023 ގެ ފަހުގެ ބިލްތަކާއެކު ސަރުކާރުން އާއްމު ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ބޮޑު ޕަސެންޓަކީ ފެނަކަ ކުންފުނީގެ ބިލްތަކެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ފިޔަވަޅުގެ ސަބަބުން ޕެންޝަން އޮފީހަށް އިންވެސްޓްމަންޓް ޕޯޓްފޯލިއޯ ޑައިވާސިފައި ކުރެވި، ޕެންޝަން ދައްކާ ފަރާތްތަކަށް ލިބޭ ފައިދާ އިތުރުވެ، ދިގު މުއްދަތަށް މާލީ ދެމެހެއްޓެނިވިކަން ޔަޤީންކުރެވޭނެ ކަމަށެވެ. މި ފައިސާގެ ބޮޑު ބައެއް ސީދާ ބޭނުންކުރެވޭނީ ކުރީގެ އެމްޑީޕީ ސަރުކާރުގެ ދައުރުގައި އެއްވެސް އުސޫލެއް ނެތް ގޮތަކަށް ފެށުނު މަޝްރޫއުތަކާ ގުޅިގެން ނުދެއްކި ހުރި ކޮންޓްރެކްޓަރުންގެ ބިލްތައް ދެއްކުމަށް ކަމަށް ފިނޭންސުގެ ފަންނީ އޮފިޝަލުން ކަށަވަރުކޮށްދީފައިވެ އެވެ.

ސަރުކާރުން ބުނާ ގޮތުގައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވި އިރު، އެތައް ބިލިއަން ރުފިޔާއެއް އަމިއްލަ ކޮންޓްރެކްޓަރުންނާއި ކުންފުނިތަކަށް ނުދައްކާ ހުރި ބިލްތަކުގެ ގޮތުގައި ހުރެ އެވެ. މިކަމުގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވެ އިގްތިސާދަށް ނޭދެވޭ އަސަރުކޮށްފައިވާތީ މި ދަރަނިތައް ދައްކާ ހަލާސްކުރުމަށް ސަރުކާރުން ޒިންމާދާރު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ސަރުކާރުން ބުންޏެވެ.

މި ފިޔަވަޅާ ގުޅިގެން އެމްޑީޕީއިން ބުނީ ސަރުކާރުން އުޅެނީ ފައިސާ ޗާޕު ކުރަން ކަމަށެވެ. ނަމަވެސް ސަރުކާރުން ވިދާޅުވި ގޮތުގައި މިއީ ފައިސާ ޗާޕުކުރުމެއް ނޫން ކަމަށާއި ސެކަންޑަރީ މާކެޓުގައި ބޮންޑު ވިއްކުމަކީ މާލީ ސްޓެބިލިޓީ ދެމެހެއްޓުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އާންމު ވަސީލަތެއް ކަމަށެވެ. އެމްއެމްއޭ އިން ބުނީ މަނިޓަރީ ސްޓެބިލިޓީ ރައްކާތެރިކުރުމަށްޓަކައި ކޮމާޝަލް ބޭންކުތަކާ ގުޅިގެން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.