ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަންނަ ރަމަޟާން މަހުގެ ކުރިން ހުޅުމާލޭގައި ޒަރޫރީ މުދާ ވިއްކާ ފިހާރައެއް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މަޝްވަރާކޮށްގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ދެވަނަ ފިޔަވަހީގައިވެސް އެފަދަ ފިހާރައެއް ހުޅުވުމަށް މަޝްވަރާކުރަމުން އަންނަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެސްޓީއޯގެ އާންމު މުދާ ވިއްކާ ފިހާރައެއް ހުޅުމާލޭގައި ނުހުންނާތީ އާންމުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެކުންފުނިން މިހާރު ދަނީ ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކަމުންނެވެ. މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެސްޓީއޯގެ ފިހާރަތަކުން 23 ބާވަތެއްގެ މުދާ ހެޔޮ އަގުގައި ވިއްކަން ފަށާފައިވާއިރު، މީގެ ތެރޭގައި 10 ބާވަތެއްގެ މޭވާ އާއި 10 ބާވަތެއްގެ ތަރުކާރީ އަދި ކާޑުގެ ބާވަތްތައް ހިމެނެއެވެ. މޭވާގެ ގޮތުގައި ދޮންކެޔޮ، އާފަލު، އޮރެންޖު، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރު ފަދަ ބާވަތްތައް ގެނެސް، ތަރުކާރީގެ ގޮތުގައި ފިޔާ، އިނގުރު، ކެރެޓު، ބަށި، ކެބެޖު، ބަރަބޯ، ބޯވެލި އަދި ލޮނުމެދު ފަދަ ބާވަތްތައް ވިއްކަމުން އަންނަކަމަށް އެސްޓީއޯއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ