ސެންޓަ އެންޓަޕްރައިސަސްއަށް ދެ މިލިއަން ޑޮލަރު ދެއްކުމުގެ ހުކުމް ހެލްތު މިނިސްޓްރީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި

ސެންޓަ އެންޓަޕްރައިސަސްއަށް ދެ މިލިއަން ޑޮލަރު ދެއްކުމުގެ ހުކުމް ހެލްތު މިނިސްޓްރީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި

Author
ހުސައިން
18 އޮކްޓޯބަރ 2025 12:01
0

ސިއްހީ ސާމާނު ފޯރުކޮށްދިން ފައިސާ ދައުލަތުން ނުދައްކައި ހުރުމާ ގުޅިގެން ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދައުލަތާ ދެކޮޅަށް ހުށަހެޅި މައްސަލައެއްގައި ދައުލަތަށް ހުކުމްކުރި ހުކުމް ބާތިލް ކުރުމަށް ހެލްތު މިނިސްޓްރީން ސުޕްރީމް ކޯޓަށް އިސްތިއުނާފު ހުށަހަޅައިފިއެވެ.

މި މައްސަލައަކީ ރަށްރަށުގެ ހެލްތު ސެންޓަރުތަކަށާއި ހެލްތު ޕޯސްޓް ތަކާއި ރީޖަނަލް ހޮސްޕިޓަލްތަކަށް ފޯރުކޮށްދީފައިވާ ސިއްހީ ސާމާނުތަކަށް ދައްކަން ޖެހޭ ފައިސާއާ ގުޅޭ މައްސަލައެކެވެ. ސިވިލް ކޯޓުގައި ކުރި ދައުވާގައި ސެންޓަ އެންޓަޕްރައިސަސް އިން އެދުނީ ދައްކަން ޖެހޭ ދެ މިލިއަން ޑޮލަރާއި ސާޗާޖަށް 3.6 މިލިއަން ޑޮލަރު ލިބިދިނުމަށެވެ.

2023 ވަނަ އަހަރުގެ މާޗް 28 ގައި ސިވިލް ކޯޓުން ހުކުމްކުރީ ސާޗާޖް ދެވޭނެ ކަމަށް ނުދެކޭ ކަމަށާއި ނަމަވެސް ދެ މިލިއަން ޑޮލަރަކީ ދައުލަތުން ދައްކަން ޖެހޭ ފައިސާއެއް ކަމަށެވެ. އެ ހުކުމާ ހިތްހަމަނުޖެހިގެން ހެލްތު މިނިސްޓްރީން ހައިކޯޓަށް އިސްތިއުނާފު ކުރުމުން މި އަހަރުގެ ފެބްރުއަރީ 11 ގައި ހައިކޯޓުން ވެސް ކުރީ ސިވިލް ކޯޓުގެ ހުކުމް ބާތިލު ކުރާން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

މިހާރު ހެލްތު މިނިސްޓްރީން ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވަނީ ސިވިލް ކޯޓާއި ހައިކޯޓުގެ ހުކުމް ދިނީ ޝަރުއީ އަދި ގާނޫނާ ހިލާފަށް ކަމަށް ނިންމައިދިނުމަށާއި އެ ފައިސާއަކީ ދައުލަތުން ދޭން ޖެހޭ ފައިސާއެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް އެދި އިސްތިއުނާފީ ފަސް ނުކުތާއެއް ފާހަގަކޮށްގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.