ސައްހަ ނޫން ޓީޓީ ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި ހުސެއިން ޝިފާއުގެ މައްޗަށް ކުރެވުނު 23 ދައުވާއިން ސަލާމަތްކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި އިއުތިރާފުގެ އެއްބަސްވުން ކްރިމިނަލް ކޯޓުން ބަލައިނުގަތުމަށް ނިންމައިފިއެވެ.
123،844.54 ޑޮލަރު (1.9 މިލިއަން ރުފިޔާ) ހިމެނޭ މި މައްސަލައިގައި ޝިފާއުގެ މައްޗަށް އުފުލާފައިވާ 23 ދައުވާއަށް 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން ކުރިން ހާމަކޮށްފައިވެއެވެ. ނަމަވެސް އެ އޮފީހުން ހުށަހެޅި އިއުތިރާފުގެ އެއްބަސްވުމުގައި 23 ދައުވާގެ ތެރެއިން ހަތް ދައުވާ ފިޔަވައި ބާކީހުރިހާ ދައުވާއެއް އަނބުރާ ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މި ދައުވާތަކުގެ ތެރޭގައި މަނީ ލޯންޑަރިންގެ ހުރިހާ ދައުވާއަކާއި، ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާތައް ހިމެނެއެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، މި އެއްބަސްވުމަކީ މައްސަލައިގައި ހިމެނޭ ކުށްތަކާއި ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ހުރިހާ ކަމަކަށް ރިއާޔަތްކޮށްގެން ހަދާފައިވާ އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި މި މައްސަލައިގައި ގެއްލުން ލިބުނު ފަރާތްތަކަށް އެ ގެއްލުންތަކުގެ ބަދަލު ލިބޭނެ ކަމުގެ ޔަގީންކަމެއް ނުވަތަ ގެރެންޓީއެއް އެއްބަސްވުމުގައި ނެތް ކަމަށް ގާޒީ ފާހަގަކުރެއްވިއެވެ. މިހާރު މައްސަލަ ކުރިއަށްދާނީ ކުރިން ހަމަޖެހިފައިވާ ގޮތަށް ހުލާސާ ބަޔާން ހުށަހަޅައި ޝަރީއަތް ނިންމާ ގޮތަށް ކަމަށް ކޯޓުން ނިންމާފައި ވެއެވެ.
ކޮމެންޓު ފޮނުވާ