ހުޅުމާލޭގެ މަގުތަކުގެ ދުވާރުމައްޗާއި ހެޖުތެރޭގައި ބަހައްޓާފައިވާ މޭޒާއި ގޮނޑިފަދަ ތަކެތި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
ކުރިން ވެސް މިފަދަ ތަކެތި ނެގުމަށް އެންގި ނަމަވެސް، ބައެއް ފަރާތްތަކުން އެ އެންގުމާ ހިލާފުވެ ދުވާރުމައްޗަށް ގޮނޑިއާއި މޭޒު އަޅައިގެން ކެފޭގެ ހިދުމަތް ދެމުން އަންނަކަން އެޗްޑީސީން ފާހަގަކުރެއެވެ. މިގޮތަށް މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާ ގޮތަށް ވިޔަފާރި އުސޫލުން ދުވާރު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ވަނީ ހެޖުތެރޭގައި އިންދާފައިވާ ބިޔަވާ ޒާތުގެ ގަސްތައް ނެގުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާނެ ކަމަށް ބުނެފައެވެ. އެފަދަ ގަސްތަކުގެ ސަބަބުން މަގުތަކަށް ޖަމާވާ ފެން ހިނދުމަށް ދަތިވެ، މަގުތަކުގައި ފެން ބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވަމުން އަންނަކަމަށް އެ ކުންފުނިން ބުނެއެވެ.
ދީފައިވާ މުއްދަތުގެ ތެރޭގައި މި ތަކެތި ނުނަގައިފިނަމަ، ކަމާގުޅޭ ފަރާތްތަކާ ގުޅިގެން އެޗްޑީސީން އެ ތަކެތި ނަގާނެއެވެ. އަދި މި މަސައްކަތުގައި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް އެ ކުންފުނިން ޒިންމާ ނުވާނެ ކަމަށްވެސް އެޗްޑީސީން އަންގާފައި ވެއެވެ.
ކޮމެންޓު ފޮނުވާ