ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އަގު ހެޔޮކުރުމަށް އެސްޓީއޯއިން މޭވާ އާއި ތަރުކާރީ ވިއްކަން ފަށައިފި

ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އަގު ހެޔޮކުރުމަށް އެސްޓީއޯއިން މޭވާ އާއި ތަރުކާރީ ވިއްކަން ފަށައިފި

Author
އަހުމަދު
15 އޮކްޓޯބަރ 2025 05:45
0

ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އަގު އާދަޔާ ހިލާފަށް ބޮޑުވަމުން އަންނަ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ ގޮތުގައި 23 ބާވަތެއްގެ ތަކެތި ވިއްކަން ފަށައިފި އެވެ.

މިކަމާ ގުޅިގެން މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވީ ގިނަ އަދަދެއްގެ ތަކެތި އަސާސީ ބާވަތްތަކެއްގެ ގޮތުގައި ވިއްކަން ފެށުމަކީ ތާރީހީ ކަމެއް ކަމަށެވެ. އޭނާ މައުލޫމާތު ދެއްވި ގޮތުގައި މިހާރު ރާއްޖޭގެ ދަނޑުވެރިންގެ އަތުން ތަކެތި ގަނެގެން ވިއްކަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ވަގުތު ހަމައެކަނި ޖުމްހޫރީ މޭވާ ދަނޑުވެރިން އަތުން ގަންނަ ނަމަވެސް ރާއްޖޭގެ ދަނޑުތަކުގައި ހެއްދޭ އެހެން ތަކެތި ގަތުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމުގަ އެވެ.

ޝިމާދު ވިދާޅުވީ އާންމު ވިޔަފާރިތަކާ ގާތް ގުޅުމެއް ބާއްވައި އެ ފަރާތްތަކަށް ފަސޭހަކަމާއެކު މުދާ ލިބޭނެ ފަދަ ގޮތަކަށް އިންޑަސްޓްރިއަލް ވިލެޖުގައި ހާއްސަ ތަނެއް ހުންނާނެ ކަމަށެވެ. އަދި ބޯޓުތަކުން ރަށްރަށަށް މުދާ އުފުލާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ބާޒާރުމަތީގައި ކުރިން މަކީޓާ ޝޯރޫމްގެ ގޮތުގައި ބޭނުންކުރި ފިހާރަ ތަރުކާރީ އާއި މޭވާ ވިއްކާ ފިހާރައަކަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މި އަސާސީ ކާބޯތަކެތި ވިއްކުމުގައި ބަލާނީ އާންމުންނަށް އަތް ފޯރާ ފަށުގައި އަގު ބެހެއްޓުމަށް ކަމަށާއި މިވަގުތު ބޮޑަށް ބަލާނީ ހޯލްސޭލް މާރްކެޓަށް ވިއްކުމުގެ ބަދަލުގައި ރީޓެއިލް ކޮށް ވިއްކުމަށް ކަމަށް ޝިމާދު ވިދާޅުވި އެވެ. އެ ތަކެތި ވީހާވެސް ދެމެހެއްޓެނިވި ގޮތުގައި ގެނެވޭނެކަމުގެ ޔަގީންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައި އެސްޓީއޯގެ ރީޓެއިލް ފިހާރައެއް ނެތުމުގެ ގިނަ ޝަކުވާތަކެއް ލިބެމުންދާތީ ހުޅުމާލެ ފޭސް އެކާއި ދޭގައި ފިހާރަތަކެއް ހުޅުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޝިމާދު ވިދާޅުވި އެވެ. އެ 23 ބާވަތުގެ އަގު މިވަގުތު ކަނޑައަޅާފައިވާނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށް ކަމަށާއި އަންނަ ބަދަލުތަކާއެކު ވިއްކާ އަގުތަކަށްވެސް ބަދަލު ގެންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެ ތަކެތި ވިއްކާ އަގުތައް އިކޮނޮމިކް މިނިސްޓްރީގެ "އަގުމަގު" ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށް ވިއްކާ މޭވާ އާއި ތަރުކާރީގެ އިތުރުން އާންމުކޮށް ބޭނުންކޮށް އުޅޭ ބައެއް ތަކެތި އެސްޓީއޯއިން ގެނެސް ވިއްކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު ނިންމާފައިވާ ކަމަށެވެ. މިއީ ރާއްޖޭގައި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.