ރައީސް ޔާމީންގެ މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދެފި

ރައީސް ޔާމީންގެ މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދެފި

Author
މުޙައްމަދު ޝަޒައިމް
07 ޖެނުއަރީ 2021 05:06
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން ކްރިމިނަލްކޯޓުގައި އެދެފިއެވެ. ދައުލަތުން މި ގޮތަށް އެދިފައިވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގައި މިހާރު ކުރިޔަށްދާ މައްސަލާގައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އުފުލާފައި ވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައެވެ.

މި މައްސަލާގައި މީގެކުރިން ބޭއްވި ދެ އަޑުއެހުމުގައިވެސް ރައީސް ޔާމިންގެ ވަކީލުން ވަނީ ލިޔެކިޔުންތައް ނުލިބޭނެކަމަށް ބުނެ އެ ފުރުސަތައް އެދިފައެވެ. މިއަދުގެވެސް ޝަރީއަތް ފެށުމުން ރައީސް ޔާމީންގެ ވަކީލުންވަނީ އަނެއްކާވެސް އެ ވާހަކަތައް ދައްކާވަފައެވެ. އެހެންނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ މި މައްސަލާގައި ހުރިހާ ލިޔެކިޔުންތަކެއް ހަވާލުކޮށްފައިވާކަމަށެވެ. މިގޮތުން ދައުވާގެ ލިޔުންތަކާއި ހެކިންގެ ނަންތަކާއި މިނޫންވެސް ލިޔެކިޔުންތައް ވަނީ ހަވާލުކޮށްފައިވާކަމަށެވެ.

މި މައްސަލާގައި ވާހަކަ ދައްކަވަމުން ގާޒީ ވިދާޅުވީ ދައުލަތުން ހުރިހާ ލިޔެކިޔުންތައް ދައުލަތުން ރައްދުކޮށްފައިވާކަމަށެވެ. އަދި ދައުވާގައި ހުރި ސީޑީތަކާއި އޯޑިއޯތައް ބަލާ ދިރާސާކުރުމަށް އެކަށީގެންވާ ވަގުތު ކޯޓުން ދީފައިވާކަމަށެވެ. އެހެންކަމުން ޝަރީއަތް ކުރިޔަށް ގެންދަން ގާޒީ ވަނީ ނިންމަވާފައެވެ.

ދައުލަތުގެ ދައުވާގައި ބުނެފައިވަނީ ފުށްގިރި ކުށްޔަށްދީގެން ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ނެގި 1 މިލިއަން 1 ލައްކަ 18 ހާސް ޑޮލަރާއި ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން ވަނީ އެދިފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.