ށ. ފޯކައިދޫގައި މުހިންމު 3 މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޯކައިދޫއަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތުތަކުގެ ތެރެއިންނެވެ.
މިގޮތުން މި މަޝްރޫޢުތަކުގެ ތެރެއިން ފޯކައިދޫގައި އިސްލާމީ މަރުކަޒަކާއި، ކުނި މެނޭޖުކުރާ ސެންޓަރެއްގެ އިތުރުން އެ ރަށުގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު ވަނީ އަޅާފައެވެ.
ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން، ފޯކައިދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ އާއި ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމްގެ އިތުރުން ފޯކައިދޫ ކައުންސިލްގެ ރައީސް އެވެ.
އެގޮތުން މި އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމޭއިރު 700މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި، 300 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި 4 ކުލާސްރޫމާއި އިމާމު ރޫމަކާއި އޮފީސް ބައެއްގެ އިތުރުން ހިނަވާގެއަކާއި، މަރުކަޒުގައި ސޯލާ ހަރުކޮށް، އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ އަކީ 25 މިލިއަން ރުފިޔާއަށް، 2 އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢުއެކެވެ.
މީގެ އިތުރުން ފޯކައިދޫގައި ކުނި މެނޭޖުކުރާ ސެންޓަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ތެރެއިން، މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ، ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް އެވެ. މި މަޝްރޫޢުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފަވަނީ ފެނަކަ ކޯޕަރޭޝަންއާއެވެ.
މި ދެ މަޝްރޫޢުގެ އިތުރުން ފޯކައިދޫ ގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ފުލުހުންގެ މަރުކަޒުގެ އިމާރާތުގެ ބިންގާ ވެސް މިއަދު ވަނީ އަޅާފައެވެ. މިކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއެވެ.
ކޮމެންޓު ފޮނުވާ