އދ. ގެ ކޮމިޝަން އޮފް ދަ ސްޓެޓަސް އޮފް ވިމަން (ސީއެސްޑަބްލިއު) ގެ މެމްބަރުކަމުގެ ދައުރު ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް ފަށައިފިއެވެ. ރާއްޖެއިން މި ތާރީޚީ ދައުރު ފަށާފައިވަނީ އެ ކޮމިޝަނުގެ 71 ވަނަ ސެޝަންގައެވެ.
ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި މާރިޗު 9 އިން 19 އަށް ކުރިއަށްދިޔަ 70 ވަނަ ސެޝަން ނިމުމާއެކު އައު ދައުރު ފެށިފައިވާއިރު، ރާއްޖޭގެ މެންބަރުކަމުގެ މުއްދަތަކީ 2026 ވަނަ އަހަރުން ފެށިގެން 2030 ގެ ނިޔަލަށެވެ. ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި މިފަހަރުގެ ސެޝަން އަމާޒުކޮށްފައިވަނީ ތަފާތުކުރުންތައް އެކުލެވޭ ޤާނޫނުތަކާއި ނިޒާމީ ގޮންޖެހުންތައް ނައްތާލައި، ހަމަހަމަ ޤާނޫނީ ނިޒާމެއްގެ ތެރެއިން އަންހެނުންނަށް އިންސާފު ހޯދައިދިނުމަށް ސިޔާސަތުތައް ބައްޓަންކުރުމުގެ މައްޗަށެވެ.
މި ކޮމިޝަންގެ 70 ވަނަ ސެޝަންގެ ޖެނެރަލް ޑިސްކަޝަންގައި ރާއްޖޭގެ ފަރާތުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަސީރު މުޙައްމަދު ވަނީ، ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށާއި ޤާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ޙިއްޞާކުރައްވާފައެވެ. އަދި ބައިނަލްއަޤުވާމީ އެކި ޤައުމުތަކާއި ޖަމާޢަތްތައް ގުޅިގެން ބޭއްވި މިނިސްޓީރިއަލް ރައުންޑްޓޭބަލްއެއްގައި ވާހަކަފުޅުދައްކަވަމުން، އަންހެނުން ބާރުވެރިކުރުމަށްޓަކައި މާލީ ނިޒާމުތަކުގައި އިންވެސްޓުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ފުރަތަމަ ފަހަރަށް "ވޮލަންޓަރީ ނެޝަނަލް ޕްރެސެންޓޭޝަނެއް" ވެސް މި ކޮމިޝަނަށް ހުށަހަޅާފައެވެ.
އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމަށާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް 1946 ވަނަ އަހަރު އުފައްދާފައިވާ މި މުހިންމު ކޮމިޝަނަށް ރާއްޖެ އިންތިޚާބުވެފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އިކޮސޮކް) ގައި ބޭއްވި އިންތިޚާބުގައެވެ. މިއީ އަންހެނުން ބާރުވެރިކުރުވުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ފުޅާވެ، މުހިންމު ނިންމުންތައް ނިންމުމުގައި ރާއްޖޭގެ ބައިވެރިވުން އިތުރުވެގެންދާނެ މުހިންމު ފުރުޞަތެކެވެ.
ކޮމެންޓު ފޮނުވާ