ރައީސްގެ ދެކަނބަލުންނ ޢީދު ސަލާންކުރައްވައިފި

ރައީސްގެ ދެކަނބަލުންނ ޢީދު ސަލާންކުރައްވައިފި

Author
ހުސައިން
20 މާރޗް 2026 11:15
0

ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި، އާންމު ރައްޔިތުންނާ ޢީދު ސަލާން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު މުލިއާގޭގައި ފައްޓަވައިފިއެވެ.

މިއަދު ހެނދުނު 9:00 އިން ފެށިގެން 11:00 އަށް ކުރިއަށްގެންދާ މި ޙަރަކާތުގައި ބައިވެރިވެ، ރައީސްގެ ދެކަނބަލުންނާ ބައްދަލުކުރުމަށް ގިނަ ޢަދަދެއްގެ އާންމުންނާއި ޢާއިލާތަކުން ވަނީ މުލިއާގެ ކައިރީގައި ދިގު ސަފުތަކެއް ހަދާފައެވެ. އާންމު ރައްޔިތުންގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ބޭރު ޤައުމުތަކުގެ ސަފީރުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިންވެސް އަންނަނީ ރައީސްގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެން ޢީދުގެ ތަހުނިޔާ ބަދަލުކުރައްވަމުންނެވެ.

މި އުފާވެރި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައި ވަނީ، ޢީދުގެ ޙަޤީޤީ އުފަލަކީ މާތް ﷲ އަށް ޝުކުރުވެރިވެ، އެކަކު އަނެކަކަށް ހިތްހެޔޮކޮށް މުޖުތަމަޢުގައި ލޯބި އާލާކުރުންކަން ފާހަގަކުރައްވާފައެވެ. އަދި ޢީދު ފާހަގަކުރުމުގެ ކަންކަން ކުރިއަށް ގެންދާއިރު އިސްލާމީ ރިވެތި އިންތަކުގެ ތެރޭގައި ހިފެހެއްޓުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން، ނިމިގެންދިޔަ ރަމަޟާން މަހުން ލިބިގަތް ފިލާވަޅުތަކުގެ މަތީގައި ދެމިތިބެ، ހެޔޮ ޢަމަލުތައް ކުރުމަށާއި، ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަށްވެސް އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންނަށް ނަސޭޙަތްތެރިވެވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.