76 ޕޮއިންޓް ލިބުނު 330 މީހަކަށް ފްލެޓް ދިނުމުގެ މަސައްކަތް ފަށައިފި

76 ޕޮއިންޓް ލިބުނު 330 މީހަކަށް ފްލެޓް ދިނުމުގެ މަސައްކަތް ފަށައިފި

Author
ހުސައިން
12 އޮކްޓޯބަރ 2025 07:34
0

ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން 76 ޕޮއިންޓް ލިބިފައިވާ އެކަކު ފްލެޓް ނުލިބި ހުރި 330 މީހަކަށް ފްލެޓް ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް ހާމަކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ 76 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބުނު މީހުންގެ ތެރެއިން ފްލެޓް އެލޮކޭޝަން ހަދަން ޖެހޭ 330 ފަރާތަކަށް ފްލެޓް ނަންބަރު ނުދީ، 75 ޕޮއިންޓް ލިބުނު 315 ފަރާތަކަށް ފްލެޓް އެލޮކޭޝަން ހަދާފައިވާ ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވީ މިއީ ސަރުކާރަށް ފަހަކަށް އައިސް ދިމާވި އެންމެ އުނދަގޫ މައްސަލައަކަށްވާ ކަމަށެވެ. އެފްޑީސީއާ އެކު ފްލެޓް އެލޮކޭޝަން ހެދިކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތުމުގެ ބަދަލުގައި، 76 ނުވަތަ އެއަށްވުރެ މަތިން މާކްސް ލިބުނު ފަރާތްތަކަށް ފްލެޓް ނުދީ، ގުރުއަތަށް ދާންޖެހޭ ފަރާތްތަކަށް ފްލެޓް ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރުން މަސައްކަތް ކުރީ އަސާސީ ޝަރުތުތައް ހަމަނުވާ ފަރާތްތައް ކެންސަލް ކޮށްގެން އެ 330 ފްލެޓަށް އެލޮކޭޝަން ހަދައިދިނުމަށެވެ. ނަމަވެސް އެ އަދަދަށް 3 ކޮޓަރީގެ ފްލެޓް ހަމަނުވާތީ 75 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 3 ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ އެލޮކޭޝަން ކެންސަލް ކުރި ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ 76 ޕޮއިންޓް ލިބުނު މީހުންގެ ތެރެއިން ގުރުއަތު ނަގައި، 75 ޕޮއިންޓުގައި ތިބި މީހުންނަށް 3 ކޮޓަރި ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބުމުގެ އޮޕްޝަން ދެވޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.