މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި 20 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މި އަދަދަކީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ދެ ބިލިއަން ރުފިޔާގެ ފާހަގަކުރެވޭ ކުރިއެރުމެއް ކަމަށް މީރާއިން ބުނެއެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަހު ޓެކްސް އާމްދަނީ ހުރީ 18 ބިލިއަން ރުފިޔާގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އާމްދަނީ މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މުހިންމު ޓެކްސްތަކަށް ގެނެވުނު ބަދަލުތަކާއި އެ ތަކެތީގެ އަދަދު ބޮޑުކުރުން ހިމެނޭ ކަމަށް މީރާއިން ފާހަގަކުރެއެވެ. އެގޮތުން ގްރީން ޓެކްސް، ޑިޕާޗާ ޓެކްސް، އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އަދި ޓޫރިސްޓު ގަވަރމެންޓު ސަރވިސް ޓެކްސް (ޓީޖީއެސްޓީ) އިން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ޓެކްސްގެ ވަކިވަކި ބާވަތްތަކަށް ބަލާއިރު، މި އަހަރު ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރު އެ އަދަދު ހުރީ 869 މިލިއަން ރުފިޔާގައެވެ. ގްރީން ޓެކްސް އިން މި އަހަރު 1.7 ބިލިއަން ރުފިޔާ ލިބުނު ހިނދު، މިދިޔަ އަހަރު އެ އަދަދު ހުރީ 808 މިލިއަން ރުފިޔާގައެވެ. އެއާޕޯޓް ޑިވެލޮޕްމެންޓް ފީން މި އަހަރު 1.4 ބިލިއަން ރުފިޔާ ލިބުނު ހިނދު، ފާއިތުވި އަހަރު އެ އަދަދު ހުރީ 887 މިލިއަން ރުފިޔާގައެވެ.
ދައުލަތަށް އެންމެ ބޮޑު އަދަދެއް ޓެކްސްގެ ގޮތުގައި ލިބެނީ ޓީޖީއެސްޓީން ކަމަށާއި، މިއީ ޖުމްލަ ޓެކްސް އާމްދަނީގެ 32 ޕަސެންޓް ކަމަށް މީރާއިން ހާމަކުރެއެވެ. މި އަހަރުގެ ފުރަތަމަ ނުވަ މަހު ޓީޖީއެސްޓީގެ ގޮތުގައި 8.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ފާއިތުވި އަހަރާ އަޅާ ބަލާއިރު އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ އިތުރުން މިދިޔަ ސެޕްޓެމްބަރު މަހު އެކަނި ވެސް ޓެކްސް އާއި ފީތަކާ އެކު ތިން ބިލިއަން ރުފިޔާ ދައުލަތަށް ވަދެފައިވާއިރު، އެއީ ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 31 އިންސައްތަ އިތުރުވުމެކެވެ. މީރާއަށް ލިބޭ އާމްދަނީގެ 79 އިންސައްތަ ލިބެނީ ޑޮލަރުން ކަމަށާއި، މި އަހަރުގެ ފުރަތަމަ ނުވަ މަހު 851 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް މީރާއިން ހާމަކުރެއެވެ.
ކޮމެންޓު ފޮނުވާ