ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މަހު މުސާރައަކީ 5،000 ޑޮލަރުކަމަށް ބުނި ނަމަވެސް، ބައްސާމްގެ އެކައުންޓަށް ދިޔައީ 34،000 ޑޮލަރު ޖަމާވަމުންކަމުގައި އޭނާ ޖަލަށްލާން މިއަދު ކޯޓުން ކުރިން ހުކުމުން ހާމަވެއްޖެއެވެ.
ބައްސާމްގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުންވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭނާގެ މައްޗަށް ސާބިތުކުރެވުނީ ޚިޔާނާތުގެ ކުށެކެވެ.
ކޯޓުގެ ހުކުމުގައި ހާމަކުރި ތަފްސީލުތަކަށް ބަލާއިރު، 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ދިން ފައިސާގެ ތެރެއިން 10،000 ޑޮލަރު ބައްސާމް އޭނާގެ ޝަޚްސީ އެކައުންޓަކަށް ޖަމާކޮށް ބޭނުންކޮށްފައިވާކަން ހާމަވެއެވެ. އެ ފައިސާ ޖަމާކުރީ ބޭންކަށް ހުށަހެޅި ލިޔުންތަކަކަށް ބިނާކޮށް ކަމަށް ކޯޓުން ބުނެއެވެ.
އިތުރު މައުލޫމާތުތަކުން އެނގޭ ގޮތުގައި ބައްސާމްގެ ނަމުގައި ހިންގާ ގްލޭސިއާ އިންވެސްޓްމެންޓް ކުންފުނިން އެފްއޭއެމްގެ ފައިސާއިން ވިޔަފާރިކޮށްފައިވާކަން ސާބިތުވެއެވެ. ސިންގަޕޫރުގެ އަގުބޮޑު ފިހާރަތަކުން އެ ވިޔަފާރި ހިންގާފައިވާކަން ރިޕޯޓުތަކުން ދައްކައެވެ. ހަމައެއާއެކު ބައްސާމްގެ މަހަކު ލިބޭ އާމްދަނީގެ ގޮތުގައި ބޭންކުގައި ހިމަނާފައި އޮތީ 5000 ޑޮލަރު ކަމުގައިވިޔަސް، އޭނާގެ އެކައުންޓަށް މަހަކު 34،000 ޑޮލަރަށްވުރެ ގިނަ ފައިސާ ޖަމާވަމުން ދިޔަ ކަންވެސް ކޯޓުން އިއްވި ހުކުމުން ހާމަވާން އޮތެވެ.
ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އާއި އިތުރު ދެ މައްސަލައެއް ކުރިއަށްދާއިރު، އެ މައްސަލަތަކުގެ ހުކުމް އަދި އިއްވާފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ