ރައްޔިތުންގެ މެދުގައި ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމަށް ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢު ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވަނީ ނިންމީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމާއި ކެރިފޯރުންތެރި ހައުސިންގ މާކެޓެއް އުފެއްދުމުގެ މަޤްސަދުގައެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ފަރާތްތަކަށް ޚާއްސަ ލުއިތަކެއް ދެއްވައި، އެ ފަރާތްތަކުގެ އަމިއްލަ ޚަރަދުގައި އަތްފޯރާފަށުގެ ބޯހިޔާވަހިކަމުގެ ޔުނިޓްތައް ތަރައްގީކުރުމަށް ފުރުސަތު ހުޅުވާލެވޭނެއެވެ. މީގެ އިތުރުން މިގޮތަށް ތަރައްގީކުރާ ޔުނިޓްތައް ގަންނަ ފަރާތްތަކަށް ބޭންކް ފައިނޭންސް ލިބޭނެ މަގު ތަނަވަސްކުރުމަށް އެންޑް-ޔޫސަރ ފައިނޭންސްގެ ޚާއްސަ މޯގޭޖް ސްކީމެއް ބޭންކްތަކާ މަޝްވަރާކޮށްގެން ތައާރަފްކުރެވޭނެއެވެ.
މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު ބޯހިޔާވަހިކަމުގެ ޔުނިޓްތައް ތަރައްގީކޮށް، ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުން އާންމު ރައްޔިތުންނަށް އެ ޔުނިޓްތައް މިލްކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް މި މަޝްރޫޢުގެ ދަށުން ވަނީ ނިންމަވާފައެވެ. އަދި ޑިވެލޮޕަރުންގެ އަތުން ސަރުކާރުން ބައެއް ޔުނިޓްތައް ގަނެ، ކަނޑައެޅޭ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށް އެ ޔުނިޓްތައް ފޯރުކޮށްދެވޭނެއެވެ.
މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ކަންކަން ތަންފީޒުކުރުމަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ހޯދުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ހުށަހަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް މި މަޝްރޫޢާ ގުޅޭ ކަންކަން އިތުރުކުރައްވައިގެން ކުރިއަށް ގެންދެވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
ކޮމެންޓު ފޮނުވާ