ހިޔާނާތުގެ ބޮޑެތި މައްސަލަތައް އަވަސްކުރުމަށް ސަރުކާރުގެ މުއައްސަސާތަކުން ގުޅިގެން ހާއްސަ މަސައްކަތެއް ފަށައިފި

ހިޔާނާތުގެ ބޮޑެތި މައްސަލަތައް އަވަސްކުރުމަށް ސަރުކާރުގެ މުއައްސަސާތަކުން ގުޅިގެން ހާއްސަ މަސައްކަތެއް ފަށައިފި

Author
ހުސައިން
02 އޮކްޓޯބަރ 2025 08:06
0

ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި ބޮޑެތި މައްސަލަތައް އަވަސްކޮށް ނިންމުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ޕީޖީ އޮފީހުން މިއަދު ހާމަކޮށްފި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ތަހުގީގު މިހާރު ނިމުމާ ގާތްކަމަށާއި އެ މައްސަލައިގައި ދައުވާ އުފުލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް މިއީ ކޮން މައްސަލައެއް ކަމެއް ޕީޖީ އޮފީހުން ސާފުކޮށް ނުދެއެވެ.

އެމްއެމްޕީއާރުސީގެ ލުއިދިނުމުގެ އެއްބަސްވުންތައް އުވާލުމަށްފަހު، އެ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގޮސްފައިވާ މިންވަރުގެ މައުލޫމާތު އަންނަ ބުދަ ދުވަހުގެ ކުރިން ޕީޖީ އޮފީހަށް ފޮނުވުމަށް އޭސީސީއަށް އަންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކުރެއެވެ. މިކަމުން ދައްކަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް އަލުން ބަލަން ފަށާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނައިބު އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔާތުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވީ ނަމަވެސް، އިއުތިރާފް އެއްބަސްވުންތަކުގެ ދަށުން އަދީބަށް ބޮޑެތި ލުއިތަކެއް ލިބުނެވެ. އަދީބުގެ މައްޗަށް ކޮށްފައިވާ 20 އަހަރުގެ ޖަލު ހުކުމް އެމްޑީޕީ ސަރުކާރުގެ ފަހުކޮޅު ލުއިކޮށްދީ އޭނާ މިނިވަން ކޮށްފައި ވެއެވެ.

ފެނަކަ ކޯޕަރޭޝަނުގެ ހިޔާނާތުގެ މައްސަލަތަކާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ، އެ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމަށް އޭސީސީއަށް އަންގާފައިވާ ކަމަށާއި، އޭސީސީން އެކުލަވާލާފައިވާ އިރުޝާދާ އެއްގޮތަށް ކަނޑައަޅާފައިވާ މުއްދަތުތަކުގައި މައްސަލަތަކުގެ ތަހުގީގު ފުރިހަމަކޮށް ހުށަހެޅުމަށް އެ ކޮމިޝަނަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ.

މި މައްސަލަތަކުގައި އޭސީސީއަށް ދެމެހެއްޓެނިވި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޕްރޮސިކިއުޝަން ޓީމްތަކެއް އެކުލަވާލާފައިވާ ކަމަށް ޕީޖީ އޮފީހުން ހާމަކުރި އެވެ. މީގެ އިތުރުން، ހިޔާނާތުގެ މައްސަލަތަކުގައި ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް އަނބުރާ ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށް އެ އޮފީހުން ވިދާޅުވި އެވެ.

ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ތަހުގީގުކޮށް ދައުވާކުރުމުގެ މަސައްކަތް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ޕީޖީ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.