ދިވެހިރާއްޖޭގެ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި އާސަންދައިން ބޭސްގެ ހަރަދަށް މިދިޔަ އަހަރު ޖުމްލަ 2.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންސްޕާއިން ހާމަކޮށްފައިވެއެވެ. މިއީ 2023 ވަނަ އަހަރާއި އަޅާބަލާއިރު 12 ޕަސެންޓް އިތުރު އަދަދެކެވެ.
އެންސްޕާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެޑިކަލް ވެލްފެއާގެ ދަށުން ބޭސް ގަތުމަށް ދިން އެހީގެ ގޮތުގައި 2023 ވަނަ އަހަރު 365.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރު މި އަދަދު 487.2 މިލިއަން ރުފިޔާއަށް އަރައިފައިވެއެވެ. އާސަންދަ ސްކީމްގެ ދަށުން 2023 ވަނަ އަހަރު ބޭހަށް ހަރަދުކުރި އަދަދަކީ 2.3 ބިލިއަން ރުފިޔާއަށްވުރެ މައްޗަށްވާއިރު، މިދިޔަ އަހަރު އެއަދަދު 2.4 ބިލިއަން ރުފިޔާއަށް އަރައިފައިވެއެވެ. އެހެންކަމުން 2023 ވަނަ އަހަރު ދެ ސްކީމުން އެކުގައި ޖުމްލަ 2.65 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، 2024 ވަނަ އަހަރު މި އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރައިފައިވާކަން ހާމަވެއެވެ.
މި ގޮތަށް ހަރަދު އިތުރުވުމާ ގުޅިގެން އެންސްޕާއިން ހާމަކުރި ގޮތުގައި އެމުއައްސަސާއަކީ ބޭސް ގެނެސްދޭ މުއައްސަސާއެއް ނޫނެވެ. އެތަނަކީ ބޭސްގެ ހަރަދަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ތަނެކެވެ. ބޭސް ހޯދުމަށް އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރަމުންދާ ގައިޑްލައިން މީގެ ކުރިންވެސް މެޑިކަލް ވެލްފެއަރ ޕްރޮގްރާމްގެ ދަށުން ބޭނުންކުރަމުން އައި ގައިޑްލައިންކަމަށާއި، މި ގައިޑްލައިނަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށް އެންސްޕާއިން ބުނެއެވެ. އެގައިޑްލައިންގެ ތެރެއިން އެހީ ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ބޭސް ހޯދުމަށް އެންސްޕާއިން ފުލް ކަވަރޭޖް ދަމުން އަންނަކަމަށް އެމުއައްސަސާއިން ހާމަކުރިއެވެ.
ކޮމެންޓު ފޮނުވާ