ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި މީހަކު 30 ދުވަހަށް ބަންދުކޮށްފި

ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި މީހަކު 30 ދުވަހަށް ބަންދުކޮށްފި

Author
އަހުމަދު
30 ސެޕްޓެމްބަރ 2025 11:11
0

އައްޑޫ ސިޓީގެ ހިތަދޫގައި މިދިޔަ ހަފުތާގައި ހިނގި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައިގައި ޝައްކުކުރެވޭ މީހަކު ހައްޔަރުކޮށް، 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުންގެ މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި ބަންދުކޮށްފައިވަނީ ސ.ހިތަދޫ، ސަންރީފް، އަލީ އަސްގަރު އެވެ. މީނާ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގަށް ބޭނުންވާ މުއްދަތަށް ބަންދުގައި ބަހައްޓަން ކޯޓުން ނިންމާފައިވާ ކަމަށް ފުލުހުން ހާމަކުރި އެވެ.

މި ހާދިސާގައި ގެއްލުން ލިބިފައިވަނީ 34 އަހަރުގެ ފިރިހެނަކަށް ކަމަށާއި، އޭނާގެ ހަށިގަނޑުގެ ދެ ސަރަހައްދަކަށް ލިބުނު އަނިޔާގެ ސަބަބުން ވަރަށް ބޮޑަށް ލޭ ގެއްލި، ނުރައްކާތެރި ހާލަތުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓަށް ގެންދެވުނު ކަމަށް މަޢުލޫމާތު ލިބެ އެވެ. ނަމަވެސް މިހާރު އޭނާގެ ސިއްޙީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލަ ތަހުގީގު ކުރަމުން ގެންދަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެހެނިހެން ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ. މި މައްސަލާގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.