ހުއްދަ ނުނަގާ ހުޅުމާލޭގައި ސްޓޯލް ވިއްކާތީ އެޗްޑީސީގެ އިންޒާރު

ހުއްދަ ނުނަގާ ހުޅުމާލޭގައި ސްޓޯލް ވިއްކާތީ އެޗްޑީސީގެ އިންޒާރު

Author
ޙަސަން މުޙައްމަދު
29 ސެޕްޓެމްބަރ 2025 07:35
0

ހުޅުމާލޭގެ އެކިއެކި ހިސާބުތަކުގައި އިވެންޓާއި ފެއަރތައް ބާއްވަން ބޭނުންވާ ފަރާތްތަކުން ގާނޫނީ ހުއްދަ ހޯދަންޖެހޭއިރު، މިކަން ނުކޮށް ސްޓޯލް ވިއްކަމުން ގެންދާ ފަރާތްތައް އެބަތިބިކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފާހަގަކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކޯޕަރޭޝަނުގެ ހުއްދަ ނުހޯދާ އިވެންޓުތަކުގެ ނަމުގައި ސްޓޯލް ވިއްކުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށާއި، މިގޮތަށް ސްޓޯލް ގަންނަ ފަރާތްތަކަށް ލިބޭ އެއްވެސް ގެއްލުމަކަށް އެޗްޑީސީން ޒިންމާއެއް ނުނަގާނެ ކަމަށެވެ.

ރައްޔިތުންނަށް އެޗްޑީސީން ދެއްވި ލަފައަކީ، ހުޅުމާލޭގައި ބާއްވާ އެއްވެސް އިވެންޓެއްގެ ސްޓޯލް ގަތުމުގެ ކުރިން، އެ އިވެންޓް އިންތިޒާމުކުރާ ފަރާތުގެ އަތުގައި ރަސްމީ ހުއްދަ ހުރިތޯ ޔަގީންކުރުމެވެ. މިކަން ކަށަވަރުކުރުމަށް އެޗްޑީސީގެ ޕާމިޓްސް އެންޑް ސަރވިސަސް ސެކްޝަނުގެ 3356112 ނަންބަރަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެޗްޑީސީން އަޅާފައިވާ އިތުރު ފިޔަވަޅެއްގެ ގޮތުން، ހުޅުމާލޭގައި ފެއަރތަކާއި، ނައިޓް މާކެޓް، އަދި މަގުމަތީ ބާޒާރުތައް ހިންގުމަށް ސަރަހައްދު ދޫކުރުން މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައިފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއްވައެވެ.

ހުޅުމާލޭގައި އިވެންޓްތައް ބޭއްވުމަށް ގިނަ ފަރާތްތަކުން ޝައުގުވެރިކަން ދައްކާ ކަމަށާއި، ނަމަވެސް ގާނޫނީ އޮނިގަނޑުގެ ތެރެއިން މިކަންކަން ކުރުމަކީ ހުރިހާ ފަރާތެއްގެ ވެސް ޒިންމާއެއް ކަމަށް އެޗްޑީސީން ވަނީ ހަނދާންކޮށްދީފައެވެ. ހުއްދަ ނުހޯދާ އިވެންޓް ބާއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން އިންޒާރު ދެއްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.