އދ. މަޖިލިހުގައި ނަތަންޔާހޫ ވާހަކަ ދެއްކިއިރު މުޅި ހޯލްކަހަލަ ގޮތަކަށް އޮތީ ހުހަށް

އދ. މަޖިލިހުގައި ނަތަންޔާހޫ ވާހަކަ ދެއްކިއިރު މުޅި ހޯލްކަހަލަ ގޮތަކަށް އޮތީ ހުހަށް

Author
ޙަސަން މުޙައްމަދު
26 ސެޕްޓެމްބަރ 2025 09:42
0

އދ. ގެ އާންމު މަޖިލިހުގެ 80 ވަނަ ސެޝަންގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރު ދޭން ފެށުމާއެކު ދިވެހިރާއްޖެ އާއި އިސްލާމީ ގައުމުތަކުގެ އިތުރުން އެފްރިކާ އަދި ޔޫރަޕްގެ ބައެއް ގައުމުތަކުގެ މަންދޫބުން ޖަލްސާގެ ހޯލުން ބޭރަށް ނިކުމެއްޖެއެވެ. މިއީ އިޒްރޭލުން ފަލަސްތީނުގެ ގާޒާ ސަރަހައްދުގައި ކުރިއަށް ގެންދާ އަސްކަރީ ހަމަލާތަކާ ދެކޮޅަށް ހިންގި އިހުތިޖާޖެކެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ނަތަންޔާހޫގެ ތަގުރީރާ ދެކޮޅަށް ދިވެހި މަންދޫބުން ވެސް ޖަލްސާ ދޫކޮށް ނިކުތް ކަމަށާއި، ދިވެހިރާއްޖެ ހުރިހާ ވަގުތެއްގައި ވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އދ. ގައި ދެއްކި ވާހަކަފުޅުގައި ބުނެފައިވަނީ، ގާޒާގައި ހަމާސް ބަލިކޮށްފިނަމަ އެ ސަރަހައްދުގެ ސަލާމަތީ ޒިންމާތައް އުފުލާނީ އިޒްރޭލުން ކަމަށާއި، މަހްމޫދު އައްބާސްގެ ފަލަސްތީނު އޮތޯރިޓީއަށް އެ ސަރަހައްދުގައި އެއްވެސް ރޯލެއް ނުދޭނެ ކަމަށެވެ. މިހާރު ގާޒާގެ ބޮޑު ހިސާބެއް އޮތީ އިޒްރޭލުގެ އަސްކަރީ ކޮންޓްރޯލުގެ ދަށުގައެވެ.

ހަމާސް ޖަމާއަތުން ގާޒާގެ ވެރިކަމުން ދުރުވުމަށް އެއްބަސްވި ނަމަވެސް، އިޒްރޭލުގެ އިސްތިއުމާރީ ވެރިކަމާ ދެކޮޅަށް މުގާވަމާތު ކުރުމުގެ ޙައްގު އެބައިމީހުންނަށް ލިބިގެންވާ ކަމަށް ބުނެ، ހަތިޔާރު ބާއްވާ ގޮތަށް އިޒްރޭލުން ހުށަހަޅާ ޝަރުތުތައް ގަބޫލުކުރުމަށް އިންކާރުކޮށްފައި ވެއެވެ.

އދ. ގެ 193 މެންބަރު ގައުމުގެ ތެރެއިން 75 ޕަސެންޓަކީ މިހާރުވެސް ފަލަސްތީނު ދައުލަތް ރަސްމީކޮށް ގަބޫލުކުރާ ގައުމުތަކެވެ. މި ހަފްތާ ކުރިއަށްދާ އދ. ގެ އާންމު މަޖިލިހުގައި އިތުރު ގައުމުތަކުން ވެސް ފަލަސްތީނު ދައުލަތް ގަބޫލުކުރާނެ ކަމަށް އުންމީދުކުރެވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާގައި ހިންގާ ހަމަލާތަކުގައި 65،000 އަށް ވުރެ ގިނަ ފަލަސްތީނީން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ގާޒާގެ އެކި ހިސާބުތަކުގައި 110 ފަލަސްތީނީން ޝަހީދުވެފައިވެއެވެ.

ގާޒާގެ ބޮޑު ސަރަހައްދެއްގައި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެ، ހައިހޫނުކަމުގެ ހާލަތު އިއުލާނުކުރެވިފައިވާތީ، އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް 100 އަށް ވުރެ ގިނަ އެހީގެ ޖަމްއިއްޔާތަކުން ގޮވާލައިފައިވެއެވެ. ނަމަވެސް އިޒްރޭލުގެ ސަރުކާރުން ބުނަނީ މި ހައިހޫނުކަމަކީ ހަމާސް އިން އުފައްދާފައިވާ ދޮގު ވާހަކައެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.