ކޮންޓްރޯލްޑް ބޭހެއް ގާނޫނާ ޚިލާފަށް ވިއްކާ މައްސަލައެއް ތަހުގީގު ކުރަމުންދާކަމަށް އެންޑީއޭ ހާމަކޮށްފި

ކޮންޓްރޯލްޑް ބޭހެއް ގާނޫނާ ޚިލާފަށް ވިއްކާ މައްސަލައެއް ތަހުގީގު ކުރަމުންދާކަމަށް އެންޑީއޭ ހާމަކޮށްފި

Author
ޙަސަން މުޙައްމަދު
20 ސެޕްޓެމްބަރ 2025 12:07
0

ޑްރަގު ބޭނުންކުރާ ފަރާތްތަކަށް ކޮންޓްރޯލްޑް ބޭހެއް ކަމުގައިވާ ބިއުޕްރެނޯފިން ގާނޫނާ ޚިލާފަށް ވިއްކަމުންދާ މައްސަލައެއް ތަހުގީގު ކުރަމުންދާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން މިއަދު ހާމަކޮށްފިއެވެ.

އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވި ގޮތުގައި، މާލެ ސަރަހައްދުގައި މި ބޭސް 10 ޓެބްލެޓް 2000 ރުފިޔާއަށް ވިއްކަމުންދާކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވެއެވެ. މިއީ މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން މަނާކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ބިއުޕްރެނޯފިންއަކީ އެންޑީއޭގެ ޑިޓޮކްސް ފަރުވާގައި ބޭނުންކުރާ މުހިންމު ބޭހެއް ނަމަވެސް، މިއީ ކޮންޓްރޯލްޑް ޑްރަގެއްކަމުން ހުއްދަ ނެތި ވިއްކުމަކީ ގާނޫނާ ޚިލާފު ކަމެއްކަމަށް ލުބްނާ ވިދާޅުވިއެވެ. މި ބޭސް ކޮންޓްރޯލްޑް ޑްރަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އޭގެ ބޭނުން ނާޖައިޒު ގޮތުގައި ހިފޭ ފުރުސަތު އޮތުމުންކަމަށް އޭނާ ބުނެފައިވެއެވެ.

އެހެން ޑްރަގުތަކާ އެކުގައި ބިއުޕްރެނޯފިން ބޭނުންކުރުމުން އޯވަޑޯޒްވެ، ނުރައްކާތެރި ހާލަތްތަކަށް ދިމާވެދާނެކަން ލުބްނާ އިންޒާރުދެއްވިއެވެ. މިކަމުގެ ސީރިއަސްކަން ދައްކުވައިދޭ ގޮތުން، މި ބޭސް ނާޖައިޒު ގޮތުގައި ބޭނުންކުރުމުން ދިމާވެދާނެ ސިއްހީ ނުރައްކާތަކާ ބެހޭގޮތުން އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ބޭސް ގާނޫނާ ޚިލާފަށް ވިއްކަމުންދާ ފަރާތާ ގުޅޭ ސައްހަ މައުލޫމާތު، ޑްރަގު ބޭނުންކުރާ ގިނަ ބަޔަކު އެންޑީއޭއާ ހިއްސާކޮށްފައިވާކަމަށް ލުބްނާ ވިދާޅުވިއެވެ. މި މައުލޫމާތުތައް ފުލުހުންނާއި، ކަސްޓަމްސް އަދި ހެލްތު މިނިސްޓްރީއާ ވެސް ހިއްސާކޮށްފައިވާކަމަށާއި، މި މައްސަލަ ބަލަމުންދާކަމަށް އޭނާ ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.