ސަރުކާރުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އަލަށް އިތުރުކުރެއްވި 23 ބާވަތް އަންނަ މަހުގެ 15 ގެ ކުރިން އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ރާއްޖޭގައި ކާބޯތަކެތީގެ އަގު ކޮންޓްރޯލްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމެވި މުހިންމު ނިންމެވުމެއްގެ ދަށުން، ޒަމާނުންސުރެ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތެއްގެ މޭވާއާއި 10 ބާވަތެއްގެ ތަރުކާރީ، އަދި މުގު، ބިސް، އަލުވި ގަނޑުކޮށް އެތެރެކޮށް ވިއްކުމުގެ ޒިންމާ އެސްޓީއޯއާ ހަވާލުކޮށްފައިވެއެވެ.
އެސްޓީއޯގެ ބަހުން، މި ބާވަތްތައް އެތެރެކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި، އޭގެ ތެރެއިން ސައުތު އެފްރިކާއިން ގެނެސްފައިވާ އޮރެންޖް މިހާރުވެސް ކިލޯއެއް 35 ރުފިޔާގެ ރޭޓުން ވިއްކަމުން ގެންދާ ކަމަށް ވިދާޅުވިއެވެ. ޗައިނާއާއި އިޓަލީއިން ގެންނަ އާފަލު ވަރަށް އަވަހަށް ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އެސްޓީއޯއިން މަޢުލޫމާތު ދެއްވިއެވެ.
ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ދޭތެރެދޭތެރެއިން މައްޗަށް ގޮސް، ބައެއް ފަހަރު އަތްނުފޯރާ ފަށަށް އަގުތައް އުފުލިގެންދާކަމީ ރައްޔިތުން ކަންބޮޑުވާ ކަމެކެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ރައީސް މުއިއްޒު ނިންމެވީ އެސްޓީއޯއަށް މި ޒިންމާ ހަވާލުކުރައްވަން ކަމަށް ވިދާޅުވިއެވެ.
"އެސްޓީއޯއަކީ ވިޔަފާރިކުރަން އުފައްދާފައިވާ ކުންފުންޏެއް. އެ ކުންފުނިން އެތެރެކުރަން ޖެހޭނީ ހަމައެކަނި ކާޑުގެ ބާވަތްތައް ނޫން. ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ އެންމެ ގިނައިން ބޭނުންކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް އެސްޓީއޯއިން އެތެރެކުރުން. މިއީ އާންމުންކުރާ ވިޔަފާރިއަށް ވަނުންނޫން" ރައީސް ވިދާޅުވިއެވެ.
ބޭހުގެ ވިޔަފާރި ސަރުކާރުން އެކަމަށް ޚާއްސަކޮށް އުފެއްދި ކުންފުންޏަށް ދޫކޮށްލުމަށްފަހުގައި އެސްޓީއޯއިން މިހާރު މައިގަނޑު ސަމާލުކަން ދޭނީ ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި އެސްޓީއޯއިން ރާއްޖޭގެ އެކި ރަށްތަކުގައި ބިން ހޯދައިގެން ކާބޯތަކެތި އުފެއްދުމާއި، ޕޯލްޓްރީ ފާމިންގެ ދާއިރާއަށް އިންވެސްޓްކުރުންވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"ފުޑް ސެކިއުރިޓީއަށް ފުޅާ ދާއިރާއެއްގައި އެސްޓީއޯއިން ވަންނާނެ. މިއީ ހަމަ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން ކުރާ ކަންކަން" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ