2023 ގައި މިހާރު ރާއްޖޭގައި އޮތް ވެރިކަން ބަދަލު ކުރުމަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނި ނަމަވެސް އެމެރިކާގައި މިއަދު ފެންނަ މަންޒަރު ފެނުން ގާތްކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަން ކާމިޔާބު ކުރެއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް ބަލައިގަތުމަށް ކޮންގްރެސްގެ ބައްދަލުވުން ބާއްވަމުން ދަނިކޮށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތަށް ވަދެ ހަމަނުޖެހުން ހިންގައި ދަނީ ބޮޑެތި މުޒާހަރާތައް ކުރަމުންނެވެ. އިންތިޚާބު ޤަބޫލުނުކޮށް ޓަރަމްޕް ހިންގަމުންދާ އަމަލުތައް މުޅި ދުނިޔެއިން ދެކޮޅު ހަދަމުންދާއިރުވެސް އަދިވެސް ޓްރަމްޕް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.
އެމެރިކާގެ ވެރިކަން ބަދަލު ކުރުމަށް ރައްޔިތުން ވޯޓުން ނިންމަފައިވީނަމަވެސް ވެރިކަން ކުރާ ފަރާތުން އެއްބާރުލުން ނުދޭ މައްސަލައަށް އިޝާރާތްކޮށް ޝުޖާ ވިދާޅުވީ މިއީ 2023 ގައި ރާއްޖެއިންވެސް ފެނުން ގާތް މަންޒަރެއްކަމަަށެވެ. މިހާރު ވެރިކަން ބަދަލު ކުރުމަށް ރައްޔިތުން ނޫނެކޭ ބުނި ނަމަވެސް ވެރިކަމުގައި ތިއްބެވި ބޭފުޅުން އެހާފަސޭހައިން ބަލި ގަބޫލު ކުރާނެ ތަނެެއް ނުފެންނަކަމަށެވެ. އަދި ބަލި ގަބޫލުނުކޮށް ބޮޑެތި ހައިޖާނު އުފައްދާތަން ފެންނާނެކަމީ ރައްޔިތުންނަށް ފާއިތުވެދިޔަ ތަނުގެ ތަޖުރިބާއިން ގަބޫލު ކުރަން ފަސޭހަ ކަމެއްކަމަށް ޝުޖާ ވިދާޅުވިއެވެ.
2023 ގައި ރާއްޖޭގެ ހާލަތުވެސް އެމެރިކާގެ ހާލަތަށް ދިއުމާއި ވަރަށް ގާތް. ރައްޔިތުން ނިކުމެ މި ނުބައި އަނިޔާވެރި ވެރިކަން އެމެރިކާ ރައްޔިތުން ބަދަލު ކުރިގޮތަށް ކުރާނެ. ހަމަހިލާ އެހެނަކުން ނުވާނެއޭ ބުނެ އެމްޑީޕީ އިން ހަޅުތާލުކޮށް، ޤައުމު ހަލަބޮލި ކުރާތަން ދިވެހިން ދެކޭނެ.
– ޝުޖާ ވިދާޅުވިއެވެ.
އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ހަމަނުޖެހުމަށް ހިތްވަރު ދެއްވި ބޭފުޅަކީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ވައިޓް ހައުސްގެ ދެކުނުން އޮންނަ އެލިޕްސް ޕާކުގައި ބޭއްވި އެއްވުމެއްގައި ޓްރަމްޕް ވަނީ އިންތިޚާބުގެ ބަލި ގަބޫލް ނުކުރައްވާނެ ކަމަށް ސަޕޯޓަރުންނަށް ތަކުރާރުކޮށް ދަންނަވައިފަ އެވެ. ޓްރަމްޕް ވަނީ ބައިޑަންގެ ކާމިޔާބީ ގަބޫލް ނުކުރުމަށް، ކޮންގްރެސްގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވައި ނައިބް ރައީސް މައިކް ޕެންސަށް ވެސް ގޮވާލައްވައިފަ އެވެ.
ޓްރަމްޕުގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތަށް ވަދެގަތުމުން ސަލާމަތީ ފަރާތްތަކުން ވަނީ އެ މީހުން ނެރުމަށް ހަތަރު ގަޑިއިރުގެ އޮޕަރޭޝަނެއް ހިންގައިފަ އެވެ. ފުލުހުން ބުނީ ބަޑިޖެހުމުގެ ސަބަބުން އެކަކު މަރުވެފައިވާ ކަމަށެވެ. ކޮންގްރެސް އަށް ވަދެގަތް ޓްރަމްޕުގެ ސަޕޯޓަރަކު ހައުސްގެ ސްޕީކަރު ނެންސީ ޕެލޯސީގެ މޭޒަށް ފައި އެއްލައިގެން އިންދާ ވެސް ފޮޓޯތަކުން ފެނިފައިވެ އެވެ.
ކޮމެންޓު ފޮނުވާ