ހުޅުމާލޭ ފޭސް 1 އާއި ފޭސް 2 ގުޅުވައިދޭ ޗެނަލް ސަރަހައްދުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ. މި ނިންމުން އަމަލުކުރަން ފަށާނީ އަންނަ 19 ސެޕްޓެމްބަރު 2025 އިން ފެށިގެންނެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، މި ޗެނަލަކީ ކުޑަކުދިންނާއި ބޮޑެތި މީހުން މޫދަށް އަރައި، އެކިއެކި ބޭނުންތަކަށް އާންމުކޮށް ބޭނުންކުރާ ސަރަހައްދެއް ކަމަށެވެ. މީގެ އިތުރުން، އެ ކޯޕަރޭޝަނުން ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން އެ ސަރަހައްދުގައި މުރަކަ އިންދައި، އާލާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ފާހަގަކުރެއްވިއެވެ.
އިންޖީނުލީ އުޅަނދުފަހަރު އެ ސަރަހައްދުގައި ދުއްވުމުން، މޫދަށް އަރާ ފަރާތްތަކަށް ނުރައްކާ ވުމުގެ އިތުރުން، އެޗްޑީސީން އިންދައި އާލާކުރާ މުރަކަތަކަށް ގެއްލުން ލިބުމުގެ ފުރުޞަތު ބޮޑުކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
މި ސަބަބުތަކާހުރެ، އެ ސަރަހައްދުގައި އިންޖީނުލީ އުޅަނދުފަހަރު ވަދެނުކުމެ އުޅުން މަނާކުރުމަށް ނިންމި ކަމަށް އެޗްޑީސީން ހާމަކުރިއެވެ. އަދި މިފަދަ ނިންމުންތަކަށް އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ