ފަނޑިޔާރުންގެ ރައްކާތެރިކަން ވަރުގަދަކުރަން ފުލުހުންނާއި ޖުޑިޝަލް އެޑްމިނިސްޓްރޭޝަން މަޝްވަރާކޮށްފި

ފަނޑިޔާރުންގެ ރައްކާތެރިކަން ވަރުގަދަކުރަން ފުލުހުންނާއި ޖުޑިޝަލް އެޑްމިނިސްޓްރޭޝަން މަޝްވަރާކޮށްފި

Author
އަހުމަދު
15 ސެޕްޓެމްބަރ 2025 09:49
0

ފަނޑިޔާރުންނާއި ކޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ކަންތައްތައް ވަރުގަދަކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިން މަޝްވަރާ ކުރައްވައިފިއެވެ.

މި ކަމާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިންނާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައި، ދެ މުއައްސަސާ ގުޅިގެން ކުރިއަށް ގެންދެވިދާނެ މުހިންމު މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި ފޮކަސް ކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ކޯޓުތަކުގެ ސެކިއުރިޓީ ނިޒާމު ހަރުދަނާކުރުމާއި، ފަނޑިޔާރުންނަށް ދިމާވެދާނެ ސަލާމަތީ ނުރައްކަލުތަކަށް ފިޔަވަޅު އެޅުމާއި، ދެ އިދާރާގެ މެދުގައި މަޢުލޫމާތު ހިއްސާކުރުމުގެ ނިޒާމު ހަރުދަނާކުރުން ހިމެނެއެވެ. މީގެ އިތުރުން، ޢަދުލު އިންސާފުގެ ނިޒާމު ހިންގުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ދެ ފަރާތުން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ.

ފުލުހުންގެ ފަރާތުން މި ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ރަޝީދު އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން ބައިވެރިވިއެވެ. ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛު އަމްޖަދު މުސްތަފާ، ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ ހުސައިން އަދި އެ އިދާރާގެ އެހެން އިސްވެރިން ބައިވެރިވިއެވެ.

މި ބައްދަލުވުމަކީ ޢަދުލު އިންސާފުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ މުއައްސަސާ ގުޅިގެން ކުރާ މަސައްކަތުގެ އެއް ބައެއް ކަމަށާއި، މިފަދަ ބައްދަލުވުންތައް ކުރިއަށް އޮތް ތަނުގައި ވެސް ބާއްވަމުން ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ. ޚާއްސަ ގޮތެއްގައި މިހާރުގެ ހާލަތުގައި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެ ފަރާތުން ވެސް ފާހަގަކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.