މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އޮގަސްޓު މަހު ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި 2.12 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ. މިއީ ފާއިތުވި އަހަރުގެ ހަމަ މި މުއްދަތާ އަޅާބަލާއިރު 6.9 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މި އަހަރުގެ އޮގަސްޓު މަހަށް ލަފާކުރި އަދަދަށްވުރެ 3.1 ޕަސެންޓް އިތުރު އަދަދެއް ކަމުގައި މީރާއިން ފާހަގަކުރެ އެވެ.
ދައުލަތުގެ އާމްދަނީ މިގޮތަށް އިތުރުވެފައިވަނީ ޓޫރިޒަމް ދާއިރާއިން ލިބޭ ޓީޖީއެސްޓީ، ގްރީން ޓެކުސް އަދި އެއާޕޯޓް ޓެކުސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ. ޚާއްސަގޮތެއްގައި މިދިޔަ އަހަރުގެ އޮގަސްޓާ އަޅާބަލާއިރު މި އަހަރުގެ އޮގަސްޓުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 11.5 ޕަސެންޓް އިތުރުވެފައިވުމުން ޓޫރިޒަމް ދާއިރާގެ އާމްދަނީތަކުން ބޮޑު ކުރިއެރުމެއް ލިބިފައިވެ އެވެ.
އާމްދަނީ އިތުރުވުމަށް ދިމާވި އެހެން ސަބަބުތަކުގެ ތެރޭގައި، މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ގްރީން ޓެކުސްގެ ރޭޓު ބޮޑުކުރުމާއި، ފާއިތުވި އަހަރުގެ ޑިސެމްބަރުން ފެށިގެން އެއާޕޯޓް ޓެކުސް އަދި ފީގެ ރޭޓުތައް ބޮޑުކުރުން ހިމެނެ އެވެ. މީގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ލިބުނު އާމްދަނީވެސް އިތުރުވެފައިވާ ކަމަށް މީރާއިން ވަނީ ބުނެފަ އެވެ.
އޮގަސްޓު މަހު ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު ހިއްސާއެއް ވަނީ އާމްދަނީއިން ނަގާ ޓެކުހުން ލިބުނު 240.6 މިލިއަން ރުފިޔާއެވެ. ގްރީން ޓެކުސްގެ ގޮތުގައި 191.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 165 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޑިޕާޗާ ޓެކުސްގެ ގޮތުގައި 162 މިލިއަން ރުފިޔާ އާއި ވާކް ޕާމިޓް ފީގެ ގޮތުގައި 63 މިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މީރާއިން ވަނީ ހާމަކޮށްފަ އެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 89 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފަ އެވެ. މިގޮތަށް ދައުލަތުގެ އާމްދަނީ އިތުރުވަމުން ދިއުމަކީ ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅުވަމުންދާ ކަމުގެ ހެއްކެއް ކަމުގައި އިޤްތިޞާދީ ޚަބީރުން ވަނީ ފާހަގަކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ