ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުން ޝައްކުކުރެވޭ މަސްތުވާތަކެތީގެ 23 ޕެކެޓް ފެނިއްޖެ

ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުން ޝައްކުކުރެވޭ މަސްތުވާތަކެތީގެ 23 ޕެކެޓް ފެނިއްޖެ

Author
ޙަސަން މުޙައްމަދު
09 ސެޕްޓެމްބަރ 2025 03:33
0

ހުޅުމާލެ ފޭސް 1 ގެ ކަންނެލި ޖެޓީ ސަރަހައްދުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 23 ރަބަރު ޕެކެޓެއް ފުލުހުންނަށް ފެނި، އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ޝައްކުކުރެވޭ ތަކެތި ފެނިފައިވަނީ މި މަހުގެ 8 ވަނަ ދުވަހު ފުލުހުން އެ ސަރަހައްދުގައި ޕެޓްރޯލް ކުރަމުން ދަނިކޮށެވެ. އެ ސަރަހައްދުގައި ތިބި ބައެއް މީހުންގެ އަމަލުތައް ޝައްކުކުރެވޭ ގޮތަށް ހުރުމުން، ފުލުހުން އެ މީހުން ހުއްޓުވައި ބަލައިފާސް ކުރިއެވެ.

ފުލުހުން އެ ސަރަހައްދު ތަފްސީލުކޮށް ބެލިބެލުމުގައި، ކަންނެލި ޖެޓީގެ ޑޮކް ފެންޑަރެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 23 ރަބަރު ޕެކެޓް ފެނުނެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާއިރު، މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށާއި، ތަހުގީގުގެ އިތުރު މަޢުލޫމާތު ލިބޭ ގޮތުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ވޭތުވެދިޔަ ދުވަސްތަކުގައިވެސް މަސްތުވާތަކެތި ފެންނަމުން އައިސްފައިވެއެވެ. މިފަދަ ހާދިސާތައް ކުޑަކުރުމަށްޓަކައި ފުލުހުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދުން ޕެޓްރޯލްކޮށް، ޚާއްސަ އޮޕަރޭޝަންތައް ހިންގަމުން ގެންދާ ކަމަށް ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.