ހިންމަފުށީ ރިހެބް ސެންޓަރުގައި ހިންގި ބޮޑު އޮޕަރޭޝަނުން މަސްތުވާތަކެތި ނުފެނޭ

ހިންމަފުށީ ރިހެބް ސެންޓަރުގައި ހިންގި ބޮޑު އޮޕަރޭޝަނުން މަސްތުވާތަކެތި ނުފެނޭ

Author
ޙަސަން މުޙައްމަދު
09 ސެޕްޓެމްބަރ 2025 03:31
0

މާލެ އަތޮޅު ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މިއަދު ހެނދުނު ފުލުހުންގެ ޑްރަގް އެންފޯސްމެންޓް އޮޕަރޭޝަން ޓީމުން ހިންގި ޚާއްޞަ އޮޕަރޭޝަނުން އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، އޮޕަރޭޝަނުގައި މައްސަލައާ ގުޅުންހުރި އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ. މި އޮޕަރޭޝަނަކީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި ފުލުހުން ގުޅިގެން ހިންގި ކޯޑިނޭޓެޑް އޮޕަރޭޝަނެއް ކަމަށް އެންޑީއޭއިން ނެރުނު ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެންޑީއޭގެ ބަޔާނުގައި ވިދާޅުވީ، މި އޮޕަރޭޝަންގެ ބޭނުމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ފަރުވާދޭ މަރުކަޒުތައް މަސްތުވާތަކެއްޗާއި މަނާ ތަކެތިން ސަލާމަތުން ބެހެއްޓުމާއި، ފަރުވާ ހޯދާ ފަރާތްތަކަށް އަމާން މާހައުލެއް ފަހިކޮށްދިނުން ކަމަށެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި އެއަށް ދެވިހިފުމުގެ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ރައްކާތެރި ވެށްޓެއް ގާއިމުކުރުމަކީ މި އޮޕަރޭޝަންތަކުގެ އަސާސީ މަގުސަދު ކަމަށް އެންޑީއޭއިން ބުންޏެވެ.

ފަރުވާދޭ މަރުކަޒުތަކުގެ ރައްކާތެރިކަމުގެ މިންގަނޑުތައް ފުރިހަމަކޮށް، ޚިދުމަތް ހޯދާ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމަކީ މުހިންމު ކަމެއްކަމަށް އެންޑީއޭއިން ފާހަގަކުރެއެވެ.

ކުރިއަށް އޮތްތަނުގައިވެސް ފުލުހުންނާއި އެންޑީއޭ ގުޅިގެން މިކަހަލަ އޮޕަރޭޝަންތައް ބާއްވާނެކަމަށާއި، މަސްތުވާތަކެއްޗާ ދޭތެރޭގައި އެންޑީއޭއިން އަބަދުވެސް ގެންގުޅެނީ ޒީރޯ ޓޮލަރެންސް ޕޮލިސީއެއް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.