މާލެ ސަރަހައްދުގެ ލޭބަރ ފޯސް ސަރވޭ ރަސްމީކޮށް ލޯންޗްކޮށްފި

މާލެ ސަރަހައްދުގެ ލޭބަރ ފޯސް ސަރވޭ ރަސްމީކޮށް ލޯންޗްކޮށްފި

Author
އަލީ ރައޫފް
09 ސެޕްޓެމްބަރ 2025 11:49
0

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ލޭބަރ ފޯސް ސަރވޭ މިއަދު ރަސްމީކޮށް ލޯންޗްކޮށްފިއެވެ. މި މުހިންމު ސަރވޭ ލޯންޗްކުރެއްވީ އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައި.އެލް.އޯ) ގެ ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ކަންޓްރީ ޑިރެކްޓަރ ޖޯނީ ސިމްސަނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފެށިގެން މިއަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް ކުރިއަށް ގެންދެވުނު މި ސަރވޭގައި، ރާއްޖޭގެ ވަޒީފާގެ ބާޒާރާ ގުޅޭ މުހިންމު މައުލޫމާތުތަކެއް އެއްކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ތަފާސްހިސާބު ޤާނޫނުގެ ދަށުން މިފަދަ ސަރވޭތައް ކުރިއަށް ގެންދިއުމަކީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ހަވާލުކުރެވިފައިވާ ޤާނޫނީ މަސްއޫލިއްޔަތެކެވެ.

ލޯންޗިން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖޯނީ ސިމްސަން ފާހަގަކުރެއްވި ގޮތުގައި، ލޭބަރ ފޯސް ސަރވޭއަކީ ހަމައެކަނި އަދަދުތަކެއް ދެނެގަތުމަށް ކުރާ ކަމެއް ނޫނެވެ. މިއީ މަސައްކަތުގެ މާހައުލުގައި ތިބި ފަރާތްތަކުގެ ހާލަތާއި، އެމީހުން ކުރާ މަސައްކަތްތައް ބައްޓަންވެފައިވާ ގޮތާއި، މަސައްކަތަށް ހޭދަކުރާ ވަގުތާއި، ލިބޭ އާމްދަނީއާއި، ދިމާވާ ދަތިތައް ދެނެގަތުމަށް ކުރާ ޑީޓެއިލް ދިރާސާއެކެވެ.

ސަރވޭގައި ތަޢުލީމާއި، ހިޖުރަކުރުމާއި، ވަޒީފާއާއި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ މީހުންގެ ތަފްސީލާއި، އާމްދަނީ ލިބޭ މަސައްކަތް ހޯދާ އަދި ނުލިބޭ މީހުންގެ މައުލޫމާތާއި، ގޭތެރޭގެ މަސައްކަތުގައި ވަގުތު ހޭދަކުރާ މިންވަރާއި، ހިލޭސާބަހަށް މަސައްކަތްކުރާ މީހުންގެ ތަފްސީލު ފަދަ މުހިންމު ދާއިރާތަކުން މައުލޫމާތު އެއްކޮށްފައިވެއެވެ.

މި ސަރވޭގެ މައިގަނޑު މަޤްޞަދަކީ އިޤްތިޞާދީ ގޮތުން ހަރަކާތްތެރިވާ އާބާދީއާއި، ވަޒީފާގައި އުޅޭ މީހުންގެ ނިސްބަތާއި، އަލަށް ވަޒީފާ އުފެދޭ މިންވަރު ދެނެގަތުމެވެ. މީގެ އިތުރުން ހިޖުރަކުރުމުގެ ރޭޓް ހޯދުމާއި، އާބާދީގެ ޕްރޮޖެކްޝަންތައް އަޕްޑޭޓްކުރުމަށް ބޭނުންވާ ޑޭޓާ ހޯދުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްވާ މިންވަރު ބެލުމަކީވެސް މި ސަރވޭގެ މުހިންމު ބޭނުންތަކެވެ.

ސަރވޭގެ ނަތީޖާތަކުގެ އަލީގައި ސަރުކާރަށް ޕޮލިސީ ލެވެލްގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށާއި، ވަޒީފާގެ ބާޒާރު ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަނެވިގެންދާނެ ކަމަށް އައި.އެލް.އޯގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ. މިއީ ރާއްޖޭގެ ލޭބަރ މާކެޓް ދެނެގަތުމަށާއި، ވަޒީފާގެ ދާއިރާ ތަރައްޤީކުރުމަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.