ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދު މިއަދު އައްޔަންކޮށްފިއެވެ. މި މަގާމުގައި ހުންނެވި ހުސައިން ފަހުމީ ވަކިކޮށް، ޝަމާހް އައްޔަންކުރި ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ވަނީ އިއުލާންކޮށްފައެވެ.
ސްޓެލްކޯގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރިތާ 25 އަހަރު ވެފައިވާ، ފަހުމީ އެ ކުންފުނީގެ އެމްޑީ މަގާމަށް އައްޔަންކުރެވުނީ މިހާރުގެ ސަރުކާރު އައިސް، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެހެންނަމަވެސް މިހާރު އޭނާ އެ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީ އިން ހާމައެއް ނުކުރެއެވެ.
އާ އެމްޑީގެ ގޮތުގައި އައްޔަންކުރެވުނު އަހުމަދު ޝަމާހް ރަޝީދަކީ މީގެ ކުރިން މިފްކޯގެ ސީއީއޯ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް ފާއިތުވި އަހަރު އޭނާ އެ މަގާމުން ވަކިކޮށް، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެވުނެވެ.
މި ބަދަލާއެކު، ވޭތުވެދިޔަ ދުވަސްތަކުގައި ސަރުކާރުގެ އެހެން ކުންފުނިތަކުގެ އެމްޑީންގެ މަގާމުތަކަށް ވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. މިގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރަކަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގައި އެމްޑީއަކަށް ހުންނެވި އަލީ ޒުހައިރު އައްޔަންކުރެވުނެވެ. އަލީ ޒުހައިރުގެ ބަދަލުގައި އާރުޑީސީގެ އެމްޑީ މަގާމަށް އައްޔަންކުރެވުނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމެވެ.
ސަރުކާރު ކުންފުނިތަކުގެ ވެރިންގެ މަގާމުތަކަށް މިފަދަ ބަދަލުތައް ގެންނަނީ، އެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ޚިދުމަތްތައް ރަނގަޅުކުރުމަށް ކަމަށް ސަރުކާރުން ބުނެއެވެ.
ކޮމެންޓު ފޮނުވާ