ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން މިއަދު މާލެ ފުލުހުންގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާ ބައްދަލުކޮށް، ރާއްޖޭގެ ވެރިރަށުގައި ދިމާވަމުންދާ މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ ނަވީން ފާހަގަކުރެއްވީ، މާލޭގެ އެކި ހިސާބުތަކުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އިތުރު ހަރުދަނާކަމެއް ގެނައުމުގެ މުހިންމުކަމެވެ. އަދި ފުލުހުންގެ ޓީމްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އޮޕަރޭޝަންތައް ވިލަރެސްކުރުމުގެ ސަބަބުން ރައްޔިތުންނަށް މިހާރަށްވުރެ ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ.
ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް ފުލުހުންގެ ދައުރު ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ، ރައްޔިތުން ފުލުހުންގެ އެހީތެރިކަމަށް އެދޭ ކޮންމެ ފަހަރަކު އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ޖަވާބުދާރީވުން މުހިންމު ކަމަށެވެ.
"ރައްޔިތަކު ފުލުހުންގެ އެހީތެރިކަން ހޯދަން މަސައްކަތް ކުރަނީ އެންމެ ނިކަމެތި ހާލަތުގައި، ކަންކަން ވަރަށް ބޮޑަށް ދަތިވެގެންނެވެ. އެހެންކަމުން އަޅުގަނޑުމެން ޖެހޭނީ އަމާނާތްތެރިކަމާއި ރަހުމާއެކު އެމީހުންނަށް އެހީތެރިވާން،" ކޮމިޝަނަރ ނަވީން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި އާ އިސްނެގުމުގެ ދަށުން މާލޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ފުލުހުންގެ ހާޒިރީ އިތުރުކޮށް، ކުށުގެ ރޭޓް މަދުކުރުމަށާއި، ރައްޔިތުންނާ ފުލުހުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެ ކަމަށެވެ.
މި ބައްދަލުވުމުގައި މާލެ ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވެ، ކުރިއަށް އޮތް ތަނުގައި ގެންގުޅޭނެ ސްޓްރެޓަޖީތަކާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭގޮތުން ތަފްސީލީ މަޝްވަރާތަކެއް ކުރިއަށް ގެންދެވުނެވެ.
ކޮމެންޓު ފޮނުވާ