ދިވެހިރާއްޖޭގެ ޖުމްލަ ދަރަނި މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު 148.9 ބިލިއަން ރުފިޔާއަށް އުފުލިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ. މި އަދަދަކީ ގައުމީ އުފެއްދުންތެރިކަމުގެ 124 ޕަސަންޓަށް ވާވަރުގެ ބޮޑު އަދަދެކެވެ.
ފިނޭންސް މިނިސްޓްރީން ޝާއިޢުކުރި ދަރަނީގެ ހިސާބުތަކުން ދައްކާ ގޮތުގައި މި ބޮޑު އަދަދުގެ ތެރޭގައި ދައުލަތުން ސީދާ ނަގާފައިވާ 127.8 ބިލިއަން ރުފިޔާގެ ދަރަނި ހިމެނޭ އިތުރުން، ދައުލަތުގެ ގެރެންޓީގެ ދަށުން ނަގާފައިވާ 21.1 ބިލިއަން ރުފިޔާ ވެސް ހިމެނެއެވެ. މިއީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދަރަނި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމެކެވެ.
ދައުލަތުގެ އެތެރޭގެ ދަރަނި، އެގޮތުން ދިވެހި ފަރާތްތަކާއި މުއައްސަސާތަކުން ނަގާފައިވާ ދަރަނި ދެވަނަ ކުއާޓަރުގައި 85.8 ބިލިއަން ރުފިޔާއަށް އުފުލިފައިވާއިރު، މިއީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އެއާއެކު ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނި ވެސް 41.4 ބިލިއަން ރުފިޔާއިން 42 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ. އެކަމަކު އުފާކުރަންޖެހޭ ކަމަކީ ދައުލަތުގެ ގެރެންޓީ ދަރަނި ކުޑަވެފައިވާ ކަމެވެ.
ދަރަނި އަދާކުރުމަށް ދެވަނަ ކުއާޓަރުގައި ސަރުކާރުން ޖުމްލަ 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މީގެ ތެރެއިން އަސްލު ދަރަނި އަނބުރާ ދެއްކުމަށް 1.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އިންޓަރެސްޓުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.
ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި ބަލާއިރު، އެންމެ ބޮޑު އަދަދެއް އޮތީ އިންޑިއާގެ އެގްޒިމް ބޭންކަށް ދައްކަންޖެހޭ 9.2 ބިލިއަން ރުފިޔާއެވެ. ބައިނަލްއަޤްވާމީ ބާޒާރުތަކުގައި ދިވެހި ސަރުކާރުން ވިއްކާފައިވާ ބޮންޑުތައް ގަނެފައިވާ ފަރާތްތަކަށް 7.7 ބިލިއަން ރުފިޔާ ދައްކަންޖެހޭއިރު، ޗައިނާގެ އެގްޒިމް ބޭންކަށް 7.3 ބިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މި އަދަދުތަކުން ފެންނަނީ ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެ، ގައުމީ އުފެއްދުންތެރިކަމާ އަޅާބަލާއިރު ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމެވެ. އިޤްތިޞާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ދަރަނި ޖީޑީޕީގެ 100 ޕަސަންޓަށް ވުރެ މައްޗަށް ދިއުމަކީ އިޤްތިޞާދަށް ނުރައްކާތެރި ކަމެކެވެ.
ކޮމެންޓު ފޮނުވާ