ބޭރުގެ ކުންފުނިތަކުން ދިވެހިންނަށް ޝަރަފް، ރާއްޖޭގެ ކުންފުނިތަކުން ފުރުސަތެއްނެތް: ޝިޔާމް

ބޭރުގެ ކުންފުނިތަކުން ދިވެހިންނަށް ޝަރަފް، ރާއްޖޭގެ ކުންފުނިތަކުން ފުރުސަތެއްނެތް: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
06 ޖެނުއަރީ 2021 08:09
0

ބޭރުގެ ބޮޑެތި ކުންފުނިތަކުން ދިވެހިންނަށް ޝަރަފްވެރި މަޤާމުތައް ލިބެމުންދާއިރު، ރާއްޖޭގެ ކުންފުނިތަކުން ދިވެހިންނަށް ފުރުސަތެއްނެތްކަމީ މިއަދު ފެންނަން އޮތް ހިތްދަތި މަންޒަރެއް ކަމުގައި އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކްރޯ މޯލްޑިވްސްގެ އެޑްވައިޒަރީ ސާވިސަސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރާއްޖޭގެ ޗާޓަޑް މެނޭޖްމަންޓް އެކައުންޓެންޓެއް ކަމަށްވާ އަބްދުލް ހަލީމު އައްޔަން ކުރުމާއި ގުޅިގެން އޭނާއަށް މަރުހަބާ ވިދާޅުވެ ޝިޔާމް ވިދާޅުވީ، ދިވެހިންނަކީ ޤާބިލް ބައެއްކަން ދުނިޔޭގެ ކުރިމަތިތީގައި ހާމަކުރަމުންދާކަމަށެވެ. ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ދިވެހިންގެ އަގުވަޒަންކޮށް ދިވެހިންނަށް ޝަރަފްވެރި މަޤާމު ދެމުންދާއިރު، ދިވެހި ރާއްޖޭގައި އެދިވެހިންނަށް މި ފުރުސަތު ތަނަވަސް ނުވާކަމީ ހިތާމަހުރި ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް ބޮޑެތި ކުންފުނިތަކުގެ ޝަރަފްވެރި މަޤާމުތަކަށް ދިވެހިން ހަޔާ ކުރާއިއިރު، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އިސް މަޤާމުތަކަށް ޤާބިލް ދިވެއްސަކު ނުހުރޭ! މަރުހަބާ ހަލީމް.

– ޝިޔާމް ވިދާޅުވިއެވެ.

ފަހަކަށް އައިސް ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އެންމެ އިސްމަޤާމުތަކަށް ބޭރު މީހުން ދަނީ އައްޔަން ކުރަމުންނެވެ. ދިވެހިންގެ ތެރެއިން އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލްކޮށްގެން އަންނަ ގިނަ ދިވެހިންނަށް މިއަދު ރާއްޖޭގައި ފުރުސަތު ނެތި އަދާކުރާނެ ވަޒީފާއެއް ނުލިބުމުގެ ޝަކުވާއަކީ އެންމެބޮޑު ޝަކުވާއެވެ.

ރާއްޖޭގެ އިގްތިސާދު ވެސް ދިރާސާކުރައްވާ ތަޖުރިބާކާރެއް ކަމަށް ވާ ހަލީމް ކުރިން ވަނީ ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝިއަލް އޮފިސާ (ސީއެފްއޯ)ގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އޭގެ އިތުރުން މޮރީޝަސް ކޮމާޝަލް ބޭންކްގެ ހެޑް އޮފް ކޯޕަރޭޓް ބޭންކިން އާއި ރާއްޖޭގެ އިންޝުއަރެންސް ކުންފުންޏެއް ކަމަށް ވާ ސޮލަރެލް އިންޝިއުރެންސްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ވެސް މަސައްކަތް ކުރެއްވި އެވެ.

ކްރޯ ގްލޯބަލް އަކީ މާލީ ކަންކަމުގައި ގޮތް ނިންމުމަށް ކުންފުނިތަކަށް އެހީތެރިވެދީ، ޓެކްސް ދެއްކުމުގެ ރެކޯޑްތައް ބަލަހައްޓައިދޭ އަދި ކުންފުނިތައް ހިންގުމުގައި ލަފާދޭ އެމެރިކާގެ ކޮންސަލްޓެންސީ ފާމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.