ޖިހާދު ބޭސްފަރުވާއަށް ފުރުން މަނާކުރި ހުކުމުގެ އިސްތިއުނާފު ޝަރީއަތް މާދަމާ 

ޖިހާދު ބޭސްފަރުވާއަށް ފުރުން މަނާކުރި ހުކުމުގެ އިސްތިއުނާފު ޝަރީއަތް މާދަމާ 

Author
މުޙައްމަދު ޝަޒައިމް
06 ޖެނުއަރީ 2021 07:55
0

ބޭސްފަރުވާއަށް ދުބާއީއަށް ފުރުމުގެ ހުއްދަ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ނުދޭން ކްރިމިނަލް ކޯޓުން ނިންމާފައިވާ ހުކުމުގެ އިސްތިއުނާފު ޝަރީއަތް މާދަމާ ފެށުމަށް ތާވަލް ކޮށްފިއެވެ.

މިމައްސަލައިގެ ފުރަތަމަ ޝަރީއަތް މާދަމާ ހައިކޯޓުގައި ތާވަލު ކޮށްފައިވަނީ 3:30 އަށެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ކޮށްފަ އެވެ. އެއީ އޭނާ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ފިނޭންސް މިސްޓަރުކަން ކުރެއްވި އިރު، ނިންމެވި ނިންމުމަކާ ގުޅިގެންނެވެ. އެ މައްސަލަ ސާބިތުވެއްޖެ ނަމަ ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭގެ އިތުރުން، އޭސީސީއިން އަންނަނީ އޭނާއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްވެސް ބަލަމުންނެވެ.

މިދިުޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ޖިހާދުގެ ގާނޫނީ ވަކީލް ހަސަން ފަލާހް ވަނީ ޖިހާދަށް ދިމާވެފައިވާ ސިއްހީ ގިނަ މައްސަލަތައް ފާހަގަކުރައްވައިފައެވެ. މި ގޮތުން އިމްސޮމްނިއާ އާއި ހަކުރު ބަލި އާއި އަވަސް އަވަހަށް ކުޑަ ކަމުދެވޭ ބަލި ފަދަ ބަލިތައް ވަކީލް ހަސަން ފަލާހް ފާހަގަކުރެއްވިއެވެ.

އޭނާގެ ދެ ދަރިން ކިޔަވަން ގޮސް ތިބެނީ ދުބާއީގައި ކަމަށާއި، އެ ދެ ދަރިންނާ ބައްދަލު ނުކުރެވޭތާ ގިނަ ދުވަސްވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ދަރިފުޅު ބަލި ކަމަށްވެސް ވިދާޅުވި އެވެ. ދައުލަތުން ވަނީ، ޖިހާދު ރާއްޖެއިން ބޭރަށް ފުރުމަށް އިއުތިރާޒު ކޮށްފަ އެވެ. ދައުލަތުން އިއުތިރާޒު ކުރާ ސަބަބު އޮޅުންފިލުވަން ގާޒީ ސަމީރު ގިނަ ސުވާލުތަކެއް ކުރެއްވި އެވެ.

ދައުލަތުގެ ވަކީލު ބުނީ، ޖިހާދަށް ކޮށްފައިވާ ދައުވާ އަކީ ޖިނާއި ބޮޑު ދައުވާއަކަށް ވާއިރު، އަދި އޭނާއަށް ފަސް އަހަރުގެ ހުކުމެއް އައުމުގެ ފުރުސަތު އޮތް އިރު އޭނާ ފުރައިފި ނަމަ އޭނާ ފިލާފާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ދުބާއީއާއި ރާއްޖެއާ ދެމެދު އެކްސްޓްރަޑިޝަން އެއްބަސްވުމެއް ނެތުމުން އޭނާ ފިލައިފި ނަމަ ހައްޔަރުކޮށްގެން ރާއްޖެއަށް ގެނެވޭނެ ގޮތެއްވެސް ނޯންނާނެ ކަަމަށް ބުންޏެވެ.

ޖިހާދަށް ދައުވާ ކުރީ، ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް 2011 ވަނަ އަހަރު ނޮވެމްބަރު 29 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމި އެވެ. އެ ނިންމުމުގައި ވާގޮތުން އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރާކަށް ނުޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.