ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 88 މެންބަރުން މާލީ ބަޔާން ހާމަކޮށްފައިވާއިރު، ޕީއެންސީގެ ހަތަރު މެންބަރުންނާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އަދިވެސް މާލީ ބަޔާން ހުށަހަޅާފައި ނުވާކަން ފާހަގަކުރެވިފައިވެއެވެ.
މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން މެންބަރުން ހުވައިކުރާތާ އެއް އަހަރު ފުރުމުން މާލީ ބަޔާން ހާމަކުރަންޖެހެއެވެ. 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހުވާ ކުރެއްވީ މޭ 28 ގައި ކަމުން، މި އަހަރުގެ މޭ 31ގެ ކުރިން މާލީ ބަޔާން ހުށަހަޅަންޖެހުނެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ވިދާޅުވީ، ލިބިފައިވާ ހުރިހާ މާލީ ބަޔާނެއް ހާމަކޮށްފައިވާ ކަމަށާއި، ނަމަވެސް ފަސް މެންބަރުންގެ މާލީ ބަޔާން އަދިވެސް ނުލިބޭ ކަމަށެވެ. މި މެންބަރުން ކޮބައިކަން މަޖިލީހުގެ އިދާރާއިން ހާމައެއް ނުކުރިނަމަވެސް، މަޖިލީހުގެ ވެބްސައިޓުން ބެލިއިރު މާލީ ބަޔާން ހާމަނުކުރާ މެންބަރުންނަކީ މައްޗަންގޮޅި މެދު ދާއިރާގެ އަހުމަދު ޒަމީރު، މާފަންނު އުތުރު ދާއިރާގެ މުހައްމަދު ނާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު މުސްތަފާ އިބްރާހީމް، ކުރެންދޫ ދާއިރާގެ މުހައްމަދު ޝާމިން ހަބީބް އަދި ފޭދޫ އުތުރު ދާއިރާގެ އިސްމާއީލް ނިޒާރު ކަން އެނގެއެވެ.
މި މަޖިލީހުން ފާސްކޮށްފައިވާ ގަވާއިދުގައި މެންބަރުން ހުވާކުރާތާ ތިން މަސްދުވަސް ތެރޭގައި މާލީ ބަޔާން ހުށަހަޅަންޖެހޭ ކަމަށް ބަޔާންކޮށްފައިވެއެވެ. މިގޮތުން ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓު 31ގެ ކުރިން މާލީ ބަޔާން ހުށަހަޅަންޖެހެއެވެ.
މާލީ ބަޔާނުގައި މެންބަރުންގެ އަނބިމީހާ ނުވަތަ ފިރިމީހާ އަދި 18 އަހަރު ނުފުރޭ ދަރިންގެ މައުލޫމާތު ހިމަނަންޖެހޭއިރު، ރާއްޖެއާއި ރާއްޖޭން ބޭރުގައި ހުރި މުދަލާއި ފައިސާ، ވިޔަފާރީގެ މަސްލަހަތުތައް، އަރަންޏާއި ދަރަނި، އަދި އިތުރު ވަޒީފާއެއް އަދާކުރާނަމަ އެ ވަޒީފާގެ ޒިންމާތަކުގެ މައުލޫމާތު ފުރިހަމަކުރަންޖެހެއެވެ.
ކޮމެންޓު ފޮނުވާ