ހުޅުމާލެ ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހަސަން އަލީއަށް ދިން ފްލެޓް ހުސްކުރުމުގެ ހުކުމް ފަސްކުރަން ހައިކޯޓުން ތާއީދު ނުކުރި

ހުޅުމާލެ ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހަސަން އަލީއަށް ދިން ފްލެޓް ހުސްކުރުމުގެ ހުކުމް ފަސްކުރަން ހައިކޯޓުން ތާއީދު ނުކުރި

Author
ޙަސަން މުޙައްމަދު
30 އޮގަސްޓް 2025 08:30
0

ހުޅުމާލެ ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހަސަން އަލީ ދިރިއުޅެމުންދާ ސަރުކާރު ފްލެޓް އެއްމަސް ތެރޭގައި ހުސްކޮށް ހަވާލުކުރުމަށް ސިވިލްކޯޓުން 2022ގައި ކުރި ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިނުގަނެ ދެކޮޅުހަދާފައިވެއެވެ.

މިއީ 2005 ފެބްރުއަރީގައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ކުރީގެ ޖަސްޓިސް މިނިސްޓްރީއާ ދެމެދު 25 އަހަރަށް ކުއްޔަށް ހިފި ތިންކޮޓަރީގެ ފްލެޓެކެވެ. މި ފްލެޓް އެޕްރީލް 2005ގައި ހަސަން އަލީއާ ހަވާލުކޮށްފައިވަނީ ހުޅުމާލެ ކޯޓުގެ ރަޖިސްޓްރާގެ ހައިސިއްޔަތުންނެވެ.

2008ގައި ޖުޑީޝަލް ސާވިސް ކޮމިޝަން އުފެދުމަށްފަހު، ފްލެޓް ކުއްޔަށް ހިފި މަގުސަދު ހާސިލުނުވާތީ އެތަން ދޫކޮށްލުމަށް ޖޭއެސްސީން ނިންމިއެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފްލެޓް ހުސްކުރުމަށް އެންގިނަމަވެސް ހަސަން އަލީ އިންކާރުކުރުމުން ޖޭއެސްސީން ސިވިލްކޯޓުގެ ހުޅުމާލެ ޑިވިޒަނުގައި ދައުވާކުރިއެވެ.

ސިވިލްކޯޓުން މިދިޔަ ފެބްރުއަރީ 27ގައި ނިންމީ، ހަސަން އަލީއާ ޖަސްޓިސް މިނިސްޓްރީއާ ދެމެދުގައިވާ އެއްބަސްވުން ބާތިލުކޮށް، އެއްމަސް ތެރޭގައި ފްލެޓް ހުސްކޮށް ހަވާލުކުރުމަށެވެ.

މި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް، ތަންފީޒު ފަސްކުރުމަށް ހަސަން އަލީ އެދުނީ ދަށުކޯޓުން ފާޅުކަންބޮޑު ގޯސްތައް ހަދާފައިވާކަމަށާއި ހައިކޯޓުން ކާމިޔާބުވުމުގެ ފުރުސަތު ބޮޑުކަމަށް ބުނެއެވެ.

އެކަމަކު ހައިކޯޓުން ބުރާސްފަތިދުވަހު ނިންމީ، ހަސަން އަލީ ބުނާ ގޯސްތަކާއި ކާމިޔާބުވުމުގެ ފުރުސަތުތައް ސާބިތުކޮށްދޭ ހެއްކެއް ހުށަހަޅާފައިނުވާތީ، ސިވިލްކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވޭނެ ތަނެއްނެތްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.