ރައީސް ޗައިނާއަށް ވަޑައިގެންފި

ރައީސް ޗައިނާއަށް ވަޑައިގެންފި

Author
އައިޝަތު އަޙްމަދު
30 އޮގަސްޓް 2025 08:14
0

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ޗައިނާގެ ވެރިރަށް ބެއިޖިން އަށް ވަޑައިގެންފިއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު ފުރުސަތެކެވެ.

ރައީސް މުއިއްޒު ބެއިޖިން އެއާޕޯޓަށް ވަޑައިގަތުމުން ރަސްމީ އިއްޒަތް އަރުވައި ހޫނު މަރުހަބާއެއް ދެންނެވިއެވެ. އެއާޕޯޓުގައި މަރުހަބާ ދެންނެވުމަށް ޗައިނާގެ އިމަޖެންސީ މެނޭޖުމަންޓް މިނިސްޓަރު ވޮންގް ޝިއަންޝީގެ އިތުރުން، ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑރ. ފަޒީލް ނަޖީބާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކޮންގް ޝިންހުއާ ވަޑައިގެންނެވިއެވެ.

މާދަމާ އާއި އަންނަ ހޯމަ ދުވަހު ބާއްވާ އެސްސީއޯ ސަމިޓަކީ 26 ގައުމެއްގެ ލީޑަރުން ބައިވެރިވާ މުހިންމު ބައްދަލުވުމެކެވެ. މި ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ފަދަ ދުނިޔޭގެ މަޝްހޫރު ލީޑަރުން ބައިވެރިވެއެވެ. ދިވެހިރާއްޖެއަކީ އެސްސީއޯގެ ޑަޔަލޮގް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ގައުމެއް ކަމުން، މި ސަމިޓުގެ މަތީފަންތީގެ ބައްދަލުވުންތަކުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އިތުރުން އެހެނިހެން ގައުމުތަކުގެ ލީޑަރުންނާ ވެސް ބައްދަލުކުރައްވައި، ސަރަހައްދީ އަދި ބައިނަލްއަގްވާމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކުރެއްވި ދަތުރުފުޅެވެ. ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް 20 އެމްއޯޔޫއެއްގައި ސޮއިކުރެވުނެވެ. އެ ދަތުރުފުޅާ އެކު ދިވެހިރާއްޖެ އާއި ޗައިނާގެ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ވަނީ ހަރުދަނާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.