ތައިލޭންޑުގެ ސަސްޕެންޑުގައި ތިބި ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނާވަތްރާ މަގާމުން ވަކިކުރުމާ ބެހޭގޮތުން އެގައުމުގެ ދުސްތޫރީ ކޯޓުން މިއަދު ގޮތެއް ކަނޑައެޅުމަށް ހަމަޖެހިފައިވެއެވެ. 38 އަހަރުގެ ޝިނާވަތްރާ މަގާމުން ވަކިކޮށްފިނަމަ، 2008 ވަނަ އަހަރަށްފަހު ތައިލޭންޑުން މަގާމުން ދުރުކުރާ ފަސްވަނަ ބޮޑުވަޒީރަށް ވެގެންދާނެއެވެ.
މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހު ޝިނާވަތްރާ ސަސްޕެންޑް ކުރީ ކޯޓުގެ 9 ފަނޑިޔާރުންގެ ތެރެއިން 7 ފަނޑިޔާރުންގެ ވޯޓުންނެވެ. މިކަން ހިނގީ ކެމްބޯޑިއާގެ ކުރީގެ ސިޔާސީ ލީޑަރެއް ކަމަށްވާ ހަން ސެންއަށް ގުޅައި ދެއްކި ވާހަކަތަކުގެ ފޯނު ކޯލެއް ލީކުވުމާ ގުޅިގެންނެވެ. މި ފޯނު ކޯލަކީ ތައިލޭންޑާއި ކެމްބޯޑިއާގެ ދެމެދުގައި ޑިޕްލޮމެޓިކް ހާލަތު ގޯސްވެފައިވާ ވަގުތެއްގައި ކުރި ކޯލެކެވެ.
ރިޕޯޓްތަކުން ހާމަވާ ގޮތުގައި ޝިނާވަތްރާ މި ފޯނުކޯލް ކޮށްފައިވަނީ ނިމިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އެ ފޯނުކޯލުގައި އޭނާ ހަން ސެންއަށް މުހާތަބުކޮށްފައިވަނީ "އަންކަލް" މިހެން ކިޔައިގެން ކަމަށާއި، އޭނާއަށް ތައިލޭންޑުގައި ދާހިލީ ޕްރެޝަރުތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެގައުމުގެ އަސްކަރިއްޔާގެ ކޮމާންޑަރުންނަކީ އޭނާގެ އިދިކޮޅު ފަރާތްތައް ކަމަށް ބުނެފައިވާ ކަމަށް ލީކުވި ފޯނުކޯލުން އެނގެއެވެ.
10 މަސްދުވަހު ތައިލޭންޑުގެ ބޮޑުވަޒީރުކަމުގައި ހުންނެވި ޝިނާވަތްރާ މަގާމުން ވަކިކޮށްފިނަމަ، އެގައުމުގައި އަލުން އިންތިހާބެއް ބާއްވަން ޖެހުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. މީގެ އިތުރުން ތައިލޭންޑާއި ކެމްބޯޑިއާގެ ދެމެދު އުފެދިފައިވާ ބޯޑަރު ހަމަނުޖެހުންތަކާ ގުޅިގެން ދެ ގައުމުގެ ދެމެދު ޑިޕްލޮމެޓިކް ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ދާދި ފަހުން ދެ ގައުމުން ވަނީ ބަހުސްތަކާއި ހަމަލާބަދަލުކުރުންތައް ވެސް ކުރިއަށް ގެންގޮސްފައެވެ.
ކޮމެންޓު ފޮނުވާ