ކައުންސިލް އިންތިޚާބު ބޭއްވުމަށް ޤާނޫނީ ގޮތުން ދޭންޖެހޭ އެއްބާރުލުން ދިނުމަށް މަޖިލީހުން ނެންގެވި އިސްނެގުމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ނާއިބް ރައީސް އަހުމަދު އަކުރަމް މަރުހަބާ ކިޔައިފިއެވެ.
ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮވެ، ދައުރުން ބޭރު ޖަލްސާއެއް ބާއްވައި، އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ މައްސަލަ ހައްލު ކުރުމަށް މަޖިލީހުން އިސްނެންގިކަމީ ފެނިގެންދިޔަ ވަރަށް ހެޔޮފާލެއްކަމަށް އަކުރަމް ވަނީ ވިދާޅުވެފައެވެ. އަދި މިއީ ރާއްޖޭގެ ޑިމިކްރަޓިކް ނިޒާމާއި، ވެށި ހެޔޮ މިސްރާބަކަށް ދިއުމަށް ލިބިގެންދިޔަ އަވަސް ހައްލެއް ކަމުގައި އަކުރަމް ވަނީ ވިދާޅުވެފައެވެ.
މީ ވަރަށް ހެޔޮ ފާލެއް، މިފަދަ އިސްނެގުންތަކުގެ ސަބަބުން ގައުމުގެ ދިމުގުރާތީ ވެށި ހެޔޮ މިސްރާބައް ވާސިލުވުމަށް އަވަސްކަން ލިބިގެންދާނެ.
– އަކްރަމް ވިދާޅުވިއެވެ.
އަކުރަމް އަކީ ކައުންސިލް އިންތިޚާބާއި އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގައިވެސް އިލެކްޝަން ކޮމިޝަންގައި އެންމެ ބޮޑަށް މަަސައްކަތް ކުރެއްވި އެއްބޭފުޅާއެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ނާއިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި އަހްމަދު އަކްރަމް އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭނެ މަގެއް ހޯދުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ވަނީ ފަށާފައެވެ. ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައި މިމަހުގެ ތެރޭގައި ޖަލްސާ ބޭއްވުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ދަނީ މަސައްކަތް ކުރަމުންނެވެ. ޤާނޫނުގައި މިހާރު ހުރި ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށްޓަކައި އިލެކްޝަން ކޮމިޝަނުންވަނީ ޤާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.
ކައުންސިލް އިންތިޚާބަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލު މަޖިލީހުން ގެންނަން މަސައްކަތް ފަށާފައިވާއިރު، އިލެކްޝަން ކޮމިޝަނުން ވަނީ އިންތިޚާބު އޭޕްރީލް މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ނިންމައި އެކަން މިއަދު އިއުލާން ކޮށްފައެވެ.
ކޮމެންޓު ފޮނުވާ