ކެންޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ތަނަވަސްކޮށް، ކައުންސިލް އިންތިޚާބު ބާއްވައި، ޤާނޫނުން ލާޒިމްކޮށްފައިވާ ބާރިތައް ކައުންސިލްތަކަށް ދޫކޮށްލުމަށް އިދިކޮޅުން ސަރުކާރަށް ގޮވާލައިފިއެވެ.
އިންތިޚާބު ބޭއްވުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖެއިން ކޯވިޑް 19 ފެނުމާއި ގުޅިގެން ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީ ގުޅިގެން ޤާނޫނުއަސާސީގެ 170 ވަނަ މާއްދާއިން އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ ބާރުތައް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ޤާނޫނު 2020 ކިޔާ ޤާނުނަކުން ނިގުޅައިގަނެ، އިލެކްޝަންސް ކޮމިޝަނުގެ ބާރު ކަނޑުވާލާ، އަދި އެކޮމިޝަނުގައި އެ ޤާނޫނު މެދުވެރިކޮށް ތަޅު އަޅުވައިގެން ކުރަމުންގެންދާ އެންމެހާ ޣައިރު ޤާނޫނީ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ހަމައެއާއެކު މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލާފައިވަނީވެސް، ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ކައުންސިލަތަކަށް ލިބިދީފައިވާ އެންމެހާ ބާރުތައް ނިގުޅައިގަނެ، ސަރުކާރުގެ ނުފޫޒު ކައުންސިލްތަކަށް ފޯރުވޭ ގޮތައްކަން ވަރަށް ހިތާމައާއި އެކު ފާހަގަ ކުރަން.
– އިދިކޮޅުން ނެރުނު ބަޔާނުގައިވެއެވެ.
ކޯވިޑް 19 ގެ ޙާލަތު ޢާންމު ޙާލަތަކަށް އައިސްފައިވާކަން ޤަބޫލުކުރެވޭ އިރުވެސް، ސަރުކާރުން އިޢުލާނުކޮށްފައިވާ ޢާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިތުރަށް ދަމަހައްޓާ ޤާނުނޫއަސާސީގެ 2 ބާބުން ކަށަވަރުކޮށްދީފައިވާ އެތައް ޙައްޤެއް ނިގުޅައިގަނެ، ރައްޔިތުން ރަށު ބަންދުކޮށް، އެހެންނަމަވެސް ސަރުކާރާއި ސަރުކާރު ނިސްބަތްވާ ސިޔާސީ ބޭފުޅުން ހިމަނައިގެން ސަރުކާރުގެ ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ސަރުކާރު ނިސްބަތްވާ ޕާޓީގެ ބޮޑުންނާއި ކެންޑިޑޭޓުން ހިމެނޭ ގޮތަށް ބޮޑެތި ވަފުދުތައް ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުފަތުރުކޮށް ބޮޑެތި ޙަފްލާތަކާއި ރަސްމީއްޔާތުތައް ބާއްވާ ދައުލަތުގެ ވަސީލަތްތަކާއި ތަކެތި ބޭނުންކޮށްގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ކުރަމުން ގެންދާކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ރައްޔިތުންގެ ޒަރޫރީ މުޙިންމު ކަންކަމުގައިވެސް ރަށްރަށަށް ދަތުރު ނުކުރެވޭ ގޮތަށް ރައްޔިތުން ތަޅުއަޅުވާ ރަށު ބަންދުކޮށްގެން ގެންގުޅުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިޙާއަށް އޮތްކަމެއްކަމުގައެވެ.
ކޯވިޑް 19 އާއި ގުޅިގެން ސަރުކާރުން އެކި ނަންނަމުގައި ކުރަމުން ގެންދާ ވައްކަންތަކާއި، ހިންގަމުން ގެންދާ ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ރައްޔިތުންގެ ނަފްރަތު އިތުރުވެ މިސަރުކާރާއިމެދު ރައްޔިތުން ވަނީ ނާއުންމީދުވެފަ. މީގެ އިތުރުންވެސް ސްކޫލްތައް މިމަހުގެ ތެރޭގައި ހުޅުވި ސަރުކާރުގެ އޮފިސްތައް ޢާންމު ޙަލަތެކޭ އެއްގޮތަށް ހިންގާ ޙަރަކާތްތެރިވަމުން ދާއިރު، ޑިމޮކްރަސީއެއްގެ އެންމެ މުޙިންމު އަސާސް ކަމަށްވާ އިންތިޚާބުގައި ސަރުކާރުން ބަންޑުއަޅައިގެން ހުދުމުޚުތާރުކަމާއެކު ރައްޔިތުންގެ މައްޗަށް ކުރަމުން ގެންދާ ވެރިކަން ނިމުމަކަށް ގެނައުމަށް ދިވެހި ރައްޔިތުން މިއަދު ބޭނުންވޭ. ރައްޔިތުންގެ ތާއިދު މިސަރުކާރަށް ނެތްކަން ވޯޓުފޮށިން ދެއްކުމަށް ދިވެހި ރައްޔިތުން ތިބީ ކެތްމަދުވެފަ.
– އިދިކޮޅުން ނެރުނު ބަޔާނުގައިވެއެވެ.
ސަރުކާރާއި ސަރުކާރު ނިސްބަތްވާ ޕާޓީއިން ކުރަމުން ގެންދާ ކެމްޕެއިން ދަތުރުތަކެކޭ އެއްގޮތަށް ސަރުކާރާއި ވާދަވެރި މިކޯލިޝަންގެ އެންމެހާ މެންބަރުންނަށްވެސް ދަތުރުތައް ކުރެވި ކެމްޕެއިން ނުކުރެވޭ ގޮތަށް އަޅުވާފައިވާ ތަޅުތައް ނައްޓާ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު އަވަސް ކުރުމަށް ރައްޔިތުންގެ މަޖިލީހަށާއި ސަރުކާރަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ