ލޯކަލް ކައުންސިލް އިންތިޚާބު އޭޕްރީލް މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
Faskurevifaivaa LCE aai WDCE 3rd April 2021 ga behvumah thaaval kuran miadhu EC in nimaifin
— Ahmed Shareef (@ShareefRangondi) January 6, 2021
އިލެކްޝަނުން އޭޕްރީލް3 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ތާވަލްކޮށް މަސައްކަތް ފަށާފައިވާއިރު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ޤާނޫނީ ގޮތުން ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދައި ޤާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވާން ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ޕާޓީން ވަނީ ނިންމާފައެވެ.
ޚަބަރު އޮންލައިނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ އިންތިޚާބު ބޭއްވުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި މިމަހުގެ ތެރޭގައި ޖަލްސާއެއް ބާއްވަން މަޝްވަރާ ކޮށްފައިވާކަމާށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައި، ޖަލްސާ ބާއްވާނެ ދުވަހެއް ފައިނަލް ވެގެންދާނެކަމުގައެވެ.
ކައުންސިލް އިންތިހާބު ފަސްކުރިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވެފައިވާއިރު އިލެކްޝަނުން މަސައްކަތްކުރަމުން އައީ މި މާޗް މަހު އިންތިހާބު ބާއްވާށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރި 3 އަށް އިތުރުކުރުމުން އިލެކްޝަނުން ވަނީ މާޗް މަހުގައި ވެސް އިންތިހާބު ނުބޭއްވޭނެ ކަމަށް ބުނެފައެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅުމަށް ދަނީ ތައްޔާރުވަމުންނެވެ. ޤާނޫނަށް ކޮމިޝަނުން ހުށަހަޅާ މައިގަނޑު 3 އިސްލާހެއް ވެއެވެ. އެގޮތުން އެއް އަހަރުގެ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭކަމަށް އޮތުމުގެ ބަދަލުގައި އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ދިނުމާއި، ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނުގެ 2 ވަނަ މާއްދާއަށް އަކުރެއް އިތުރުކުން، އެއީ ޚާއްސަ ޙާލަތެއް މެދުވެރިވެފައިވާތީ އިޖުރާޢަތްތައް ކަނޑައެޅުމައްޓަކައި އޮންނަ މުއްދަތުތައް، ކުރުކޮށްލުމުގެ އިޚްތިޔާރު ދިނުމުގެ އިތުރުން ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު ނެތްކަމަށް އިޢުލާން ނުކުރާނަމަ އެޗްޕީއޭގެ ގައިޑްލައިންތަކަށް ރިއާޔަތްކޮށްގެން އިންތިޚާބު ބޭއްވުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް އޮތުމުވެ.
މީގެ އިތުރުންވެސް އިލެކްޝަން ކޮމިޝަނުން ދަނީ އިންތިޚާބުގައި މިހާރު ނަންނަގާ ކެންޑިޑޭޓުންގެ މައްސަލާގައާއި، އިންތިޚާބު ބޭއްވުމަށް ހުރި ގާނޫނީ އެހެނިހެން މައްސަލަތައްވެސް ހައްލު ކުރުމަށް ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.
ކޮމެންޓު ފޮނުވާ